ރާއްޖޭގެ ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދިނުމާ ގުޅޭ އައު ޤާނޫނެއް ހެދުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
މި ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީއެވެ. މި ބިލުގައި އެކި ބޭނުންތަކަށް ފަޅުރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރުމާއި، ވަކި ބޭނުންތަކަށް ކަނޑައަޅާފައި ނުވާ ފަޅުރަށްތައް ވަރުވާއަށް ދިނުމާ ގުޅޭ ކަންކަން ތަފްސީލުކޮށް ހިމަނާފައިވެއެވެ.
ފަޅާއި ފަޅުރަށްތައް ކުއްޔަށް ދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން މިހާރު ކުރަމުން އަންނަނީ، ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނުގެ ދަށުންނެވެ. ނަމަވެސް އެ ޤާނޫނު އުވާލައި ފަޅުރަށްރަށާއި، ފަޅުތައް ކުއްޔަށް ދޫކުރެވޭނެ ހާލަތްތަކާއި އުސޫލުތައް މަޖިލީހަށް ހުށަހަޅުއްވާފައިވާ "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާބެހޭ" ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން މިހާރުވެސް އޮންނަ ގޮތަށް ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް އެކަށައަޅުއްވާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. އެމަނިކުފާނަށް ފަޅުރަށްރަށް އެކަށައެޅޭނީ، ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ސިނާޢީ، އިގްތިސާދީ އަދި އިޖުތިމާޢީ ބޭނުންތަކާއި ދައުލަތުގެ ބޭނުންތަކުގެ އިތުރުން އެހެން ޤާނޫނެއްގައި ކަނޑައަޅާފައިވާ ޚާއްސަ ބޭނުންތަކަށެވެ.
ފަތުރުވެރިކަމުގެ ބޭނުމަށާއި ސިނާޢީ ބޭނުމަށް އެކަށައަޅާ ފަޅުރަށްރަށް ފިޔަވައި ކައުންސިލުތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ކުއްޔަށްދިނުމާއި ވަރުވާއަށް ދިނުމުގެ ކަންކަން ކުރާނީ، އެ ރަށެއްގެ ކައުންސިލުންނެވެ. ނަމަވެސް އެކި ބޭނުންތަކަށް ފަޅު ކުއްޔަށް ދޫކުރާނީ، އެ ފަޅެއް ހަވާލުކޮށްފައިވާ ވުޒާރާއަކުންނެވެ.
މި ބިލުގެ ދަށުން ވިޔަފާރީގެ ބޭނުމަށް ފަޅުރަށެއް ދޫކުރެވޭނީ، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށާއި ރާއްޖޭގައި ރީ-ރަޖިސްޓްރީ ކޮށްފައިވާ ބޭރުގެ ކުންފުންޏެއް ނުވަތަ ޕާޓްނާޝިޕުތަކަށެވެ. އެ ނޫން ބޭނުންތަކަށް ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކާއި ޖަމުޢިއްޔާތަކަށްވެސް ފަޅުރަށް ދޫކުރެވޭނެއެވެ.
ފަޅުތައް ކުއްޔަށް ދެވޭނީ، ލާޖް ސްކޭލް އަދި މީޑިއަމް ސްކޭލް ސިނާޢީ މަސައްކަތްތަކާއި އެއް މިލިޔަން ރުފިޔާ އަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ އިޤްތިސާދީ މަސައްކަތްތަކާއި އެކުއަކަލްޗަރއާއި އެއާ ގުޅުންހުރި މަސައްކަތްތަކަށެވެ.
އެކި ބޭނުންތަކަށް އެކަށައަޅާފައިވާ ފަޅުރަށެއް ކުއްޔަށް ދޫކުރެވޭނީ، 21 އަހަރުގެ މުއްދަތަކަށް ކަމަށް ބަޔާންކޮށްފައެވެ. ނަމަވެސް އެ މުއްދަތު އިތުރު ކުރުމަށް އެދޭ ހާލަތެއްގައި މުޅި ޖުމްލަ ކުއްޔަށްދޭ މުއްދަތު 50 އަހަރަށްވުރެ އިތުރު ނުވާގޮތަށް ކުއްޔަށް ދެވޭނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި ބިލުގައި ފަޅުރަށުގެ ކުއްޔާއި ފަޅުތަކުގެ އިކުއިޒިޝަން ކޯސްޓްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި އެކި ބޭނުންތަކަށް ދޫކުރާ ފަޅުރަށްރަށުގެ އިކުއިޒިޝަން ފީ ކަނޑައަޅުއްވާނީ މާލީ ކަންކަމާބެހޭ ވުޒާރާއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާގޮތުން ވަރުވާއަށް ދެވޭނީ، ވަކި ބޭނުމަކަަށް އެކަށައަޅާފައިވާ ނުވާ ރަށެކެވެ. އަދި ވަރުވާއަށް އެ ރަށެއް ދޫކުރެވޭނީ، ގިނަވެގެން 5 އަހަރުގެ މުއްދަތަކަށް ކަމަށާއި މުއްދަތު އިތުރުކުރާނަމަ އިތުރު ކުރެވޭނީ 5 އަހަރުގެ މުއްދަތަކަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
ވަރުވާއަށް ދޫކުރާ ފަޅުރަށެއްގައި ޤާނޫނާ ޚިލާފަށް ކަމެއް ކޮށްފިނަމަ 500،000 ރުފިޔާ އަށްވުރެ ބޮޑު ނުވާ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުއްޔަށް ދޫކުރާ ފަޅުރަށާއި ފަޅުތަކުގައި ޤާނޫނާ ޚިލާފު ކަމެއް ކޮށްފިނަމަ 1،000،000 ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ޤާނޫނު ވުޖޫދުވާއިރު ކުރީގެ ޤާނޫނުގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ފަޅު ރަށްރަށާއި، ފަޅުތަކާއި ވަރުވާއަށް ދޫކޮށްފައިވާ ރަށްރަށުގެ އެއްބަސްވުން ސައްޙަވާނެއެވެ. ނަމަވެސް ކުއްޔާއި ވަރުވާ ދެއްކުމުގެ އުސޫލު ފިޔަވައި އައު ޤާނޫނުގައިވާ ހުރިހާ ކަމެއް އެ އެއްބަސްވުންތަކަށްވެސް ހިނގާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން ނެގި ވޯޓުގައި 57 މެންބަރުންގެ ވޯޓުން ވަނީ، ބިލު ބަލައިގަތުމަށް ފާސްކޮށްފައެވެ. ބިލު ދިރާސާ ކުރުމަށް ފޮނުވާފައިވަނީ، މުޅި މަޖިލީހުގެ ކޮމިޓީއަށެވެ.