އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓިއަށް ކުޅެމުންދާ އިންގްލަންޑްގެ ކީޕަރ ޖޭމްސް ޓްރަފަޑް ލީޑްސް ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތުލިބިފައިވާގޮތުގައި ޓްރަފަޑް ލީޑްސްއަށް ބަދަލުވުމުގެ މިވިޔަފާރީގެ އަގު 45 މިލިއަން ޕައުންޑަށް އަރާނެއެވެ. ޓްރަފަޑް ލީޑްސް އާއި ގުޅިފައިމިވަނީ ބާރންލީއިން 27 މިލިއަން ޕައުންޑްގެ އަގަކަށް ސިޓީ އާއި ގުޅުނުތާ އެއް އަހަރު ފަހުންނެވެ. މިދިޔަ ސީޒަންގައި ޓްރަފަޑްވަނީ ސިޓީއަށް 17 މެޗު ކުޅެފައެވެ. މިގޮތުން ލީގުގައި ކުޅުމުގެ ފުރުސަތު 4 ފަހަރު ލިބުނު ނަމަވެސް ކަރަބާއޮ ކަޕާއި އެފް އޭ ކަޕްގައި މުހިންމު ދައުރެއްއަދާކުރުމުގެ ފުރުސަތު ޓްފަރަޑަށް ލިބިގެންދިޔައެވެ.
މިދިޔަ ސީޒަން ފެށުމުގެ ކުރިން ސިޓީ އާއި ގުޅުނު ޓްރަފަޑް އެކްލަބް ދޫކޮށް ގޮސްފައިމިވަނީ ޖިއާންލުއިޖީ ޑޮނަރޫމާ ސިޓީ އާއި ގުޅުމުގެ ސަބަބުން އޭނާއަށް ފުރަތަމަ އެގާރައިން ޖާގަލިބުމުގެ ފުރުސަތު ގެއްލުމާއި ގުޅިގެންނެވެ.
ލީޑްސް އިން ޓްރަފަޑްއަށް މިކުރި ހޭދައިގެ ސަބަބުން އޭނާމިވަނީ މިހާތަނަށް އެންމެ އަގުބޮޑު ފީއަކަށް ބަދަލުވި އިނގިރޭސި ކީޕަރަށް ވެގެން ގޮސްފައެވެ. މީގެކުރިން އެންމެ އަގުބޮޑުކޮށް ޓީމު ބަދަލުވެފައިވާ އިނގިރޭސި ކީޕަރަކީ އިންގްލަންޑްގެ އެއް ނަމްބަރު ކީޕަރ ޖޯޑަން ޕިކްފަޑްއެވެ. 2017 ވަނަ އަހަރު އެވަޓަން އިން ޕިކްފަޑް ހޯދުމަށްޓަކައި ސަންޑަރލަންޑަށް 30 މިލިއަން ޕައުންޑް ޓްރާންސްފަރ ފީއެއްގެގޮތުގައި ދައްކާފައިވެއެވެ.
ލީޑްސްއިން ސިޓީ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ލިޑްސްއިން ކުރިއަށް އޮތް ތާނގާ ޓްރަފަޑް ވިއްކާލާނަމަ ޓްރާންސްފަރ ފީގެ 20 އިން ސައްތަ ސިޓީއަށް ލިބޭނެއެވެ. އަދި އެހެން ކްލަބަކުން ޓްރަފަޑް ގައްނަން ބޭނުންވެގެން އަގެއް ހުށަހަޅައިފިނަމަ އެއަގަކާއި އެއްވަރުގެ އަގެއް ސިޓީއިން ހުށަހަޅާނަމަ އޭނާ އަލުން ގަތުމުގެ ފުރުސަތު ފުރަތަމަ ސިޓީއަށް ލިބިގެންދާނެކަމަށް އެއްބަސްވުމުގައި ހިމެނިފައިވެއެވެ.
ލީޑްސްގެ ދެ ކީޕަރުން ކަމަށްވާ ކާލް ޑާލޯ އާއި އިލާން މެސްލިއަރ ނިމިގެންދިޔަ ސީޒަނާއެކު ޓީމު ދޫކޮށް ގޮސްފައިވުމުގެ ސަބަބުން ލީޑުްސްގެ ކޯޗު ޑެނިއަލް ފާކަރ ހުރީ ބޮޑު އަގު ދީފައިވެސް ޓްރަފަޑް އެޓީމަށް ގެންދިއުމަށް ތައްޔާރަށެވެ. ސިޓީއިން ކެރިއަރ ފެށި ޓްރަފަޑް 2023 ގައި ބާރންލީއަށް ސޮއި ކުރުމުގެ ކުރިން އެކްރިންޓަން ސްޓޭންލީ އާއި ބޯލްޓަން ވޮންޑަރަރސް އަށް ލޯނު އެއްބަސްވުމުގެ ދަށުން ކުޅެފައިވެއެވެ.