ޚަބަރު

ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް މުދާ އެތެރެކުރުމަށް ބާރުއަޅަނީ


މިޞްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފަޙް ހުރަސް މެދުވެރިކޮށް ޣައްޒާއަށް މުދާ އެތެރެކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް މިޞްރުން ބާރުއަޅަމުންދާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފިއެވެ.

މިޞްރުން ރަފަޙް ހުރަސް ބޭނުންކުރުމަށް ބާރު އެޅި ނަމަވެސް ޣައްޒާއަށް މުދާ އެތެރެކުުރުމަށް ބޭނުންކުރުމަށް ޔަހޫދީން ބޭނުންވަނީ ޔަހޫދީ ދައުލަތާއި ޣައްޒާއާ ދެމެދު އޮންނަ ކަރިމް އަބޫ ސާލިމް ހުރަހެވެ. އެއީ ޣައްޒާއަށް އެތެރެކުރާ މުދާ އިތުރަށް ބަލައި ފާސްކޮށް، ޔަހޫދީންގެ ބާރު ހިންގުމަށް ފުރުޞަތު ހޯދުމަށެވެ. ކަރިމް އަބޫ ސާލިމް ހުރަސް ނޫން އިތުރު ހުރަހެއް ޣައްޒާއަށް މުދާ އެތެރެކުރުމަށް ބޭނުން ކުރުމަށް ޔަހޫދީން ޙުއްދަ ނުދޭނެ ކަމަށް ޔަހޫދީންގެ ސަލާމަތީ އަދި ސިޔާސީ އިސްވެރިން އެމެރިކާއަށާއި ޣައްޒާގެ ހިންގުމާ ޙަވާލުވާ ޞުލްޙައިގެ ބޯޑުގެ އިސްވެރިޔާ ނިކޮލާއީ މިލާޑެނޮވްއަށް އަންގާފައިވާ ކަމަށް ވެއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ރަފަޙް ހުރަހުގެ ފަލަސްޠީނާވީ ފަރާތް ހުޅުވާލައިފައެވެ. އެއީ 2024ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ ހުރަސް ބަންދުކޮށްފައި އޮތުމަށް ފަހުގައެވެ. އެ ހުރަސް ހުޅުވާލާފައި ވަނީ އެ މަގު ބޭނުންކުރުމުގައި ޢަމަލުކުރަން ޖެހޭ ހަރުކަށި އުސޫލުތަކަކާ އެކުގައެވެ.

އޭގެ ފަހުން އެމެރިކާއާއި އީރާން ހަނގުރާމަކުރަން ފެށުމުން ޔަހޫދީން ވަނީ ފެބްރުއަރީ މަހުުގެ 28ވަނަ ދުވަހު، ގަާތްގަނޑަކަށް 20 ދުވަހުގެ މުއްދަތަށް އެ ހުރަސް އަނެއްކާ ވެސް ބަންދުކޮށްފައެވެ. ދެން އެ މަގު ހުޅުވައިލީ މާރިޗު މަހުގެ 19ވަނަ ދުވަހުއެވެ. އެ މަގު ބޭނުންކުރެވެނީ ހަމައެކަނި ފައިމަގުން ދަތުރުކުރާ އާންމުންނަށެވެ. ބަލިމީހުންނާއި ޒަޚަމްވެފައިވާ މީހުންނާއި ބައެއް ޚާއްޞަ ޙާލަތްތައް ކުރިމަތިވެފައިވާ މީހުން ބައެއް ޙާލަތްތަކުގައި އެ ހުރަސް ބޭނުންކުރުަމަށް ޔަހޫދީން ޙުއްދަދެއެވެ. ނަމަވެސް އެ ޙުއްދަ ދިނުމުގައި ޔަހޫދީން ގެންގުޅެނީ ވަރަށް ހަރުކަށި އުސޫލުތަކެކެވެ. އެހެންކަމުން ފަރުވާ ބޭނުންވާ ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ބޭސް ފަރުވާއަށް ދަތުރުކުރުމުގެ ޙުއްދަ ނުލިބިފައި އެބަ ތިއްބެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދުކުރުމަށް ޔަހޫދީން އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށުމުގެ ކުރިން ރަފަޙް މެދުވެރިކޮށް ޣައްޒާގެ އެތައް ސަތޭކަ ރައްޔިތުންނެއް މިޞްރަށް ދަތުރުކުރެއެވެ. އަދި ޣައްޒާއަށް ވެސް ގިނަ ޢަދަދެއްގެ ރައްޔިތުން އަނބުރާ އާދެއެވެ. އޭރު ރަފަޙް ހުރަހުގެ ކަންކަން ބަލަހައްޓަމުން ދިޔައީ ޔަހޫދީންގެ ބައިވެރިވުމެެއް ނެތި ޣައްޒާއާއި މިޞްރުންނެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ޣައްޒާއަށް ޢުދުވާނީ ޙަމަލާތައް ދޭން ފެށިފަހުން މިހާތަނަށް ޣައްޒާގެ 73،000އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފައިވެއެވެ. އަދި 173،000އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެފައިވެއެވެ. ޣައްޒާގެ މަދަނީ ބިނާރުގެ ގާތްގަނޑަކަށް 90 އިންސައްތަ ވަނީ ހަނގުރާމައިގެ ޙާލަތުގައި އެއްކޮށް ސުންނާފަތިވެފައެވެ.