އއ. އުކުޅަހުގައި ޤާއިމްކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢު ފަށާފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.
އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުޙައްމަދުފެ އިތުރުން އުކުޅަހު ކައުންސިލްގެ ރައީސް އަލީ ވަހީދުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ އަދި ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައި ވަނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ އިތުރުނަ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި ކުޅިވަރުގެ ތަރައަޤީއަށް ސަރުކާރުން ކުރަން ރާވާފައިވާ މަޝްރޫއުތަކުގެ ދަށުން ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކެކެވެ.
އުކުޅަހުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި އަންހެނުން ކަސްރަތު ކުރަން ހާއްސަ ކޮޓަރިއަކާއި ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅޭވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބާއްވަން ހާއްސަ ކޮޓަރިއެއް ހިމެނޭނެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަގްވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައިވެސް ގާއިމުކުރުމެވެ. އަދި އަތޮޅު ތެރެއިން ގައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިކޮށްދިނުމެވެ.
ސްޕޯޓްސްް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުން ބުނެއެވެ..