ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް، އަފްޣާނިސްޠާނުގެ އަސަދުﷲ ހާން ހަމަޖައްސައިފިއެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އަސަދު ޤައުމީ ކޯޗުކަމަށް ހަމަޖައްސާފައިވާއިރު ކްރިކެޓް ޓީމުގެ ކޯޗަކަށް ބިދޭސީ ކޯޗެއް އެންމެފަހުން މަަސައްކަތްކުރީ، ސްރީލަންކާގެ ޕަސިންދު ލިޔަނާރަޗީ އެވެ. މީގެ ދޮޅު އަހަރު ކުރިން ޕަސިންދު އެ މަގާމުން ވަކިވީ ކޮންޓްރެކްޓް ހަމަވުމުންނެވެ.
އަސަދު އަކީ އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ)ގެ ލެވަލް ތިނެއް ހާސިލްކޮށްފައިވާ ކޯޗެކެވެ. އަސަދު ވަނީ 2009 އާއި 2012 އާ ދެމެދު އަފްގާނިސްތާންގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ކޮށްފައެވެ.
އެއަށްފަހު އަފްގާނިސްތާންގެ ސީނިއާ ކްރިކެޓް ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އަސަދު މަސައްކަތްކުރިއިރު، ޕާފޯމަންސް އެނަލިސްޓެއްގެ ޒިންމާ ވެސް އޭނާ އުފުލާފައިވެއެވެ.
އައިސީސީގެ ލެވަލް 2 ކޯޗިން އެޑިއުކޭޓަރެއްގެ ފާސް ވެސް އޮތް އަސަދު ވަނީ އަފްގާނިސްތާންގެ ކްރިކެޓް ބޯޑުގައި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ)ގެ ޒިންމާ އަދާކޮށްފައެވެ.
އަސަދުގެ ބައިނަލްއަޤްވާމީ ތަޖުރިބާއަށް ބަލާލާއިރު، ކެނަޑާ ކްރިކެޓް ޓީމުގެ ހައި ޕާފޯމަންސް ޑިރެކްޓަރުގެ ޒިންމާ އަދި ހެޑް ކޯޗުކަން އޭނާ ކޮށްފައިވެއެވެ. އެފަހުންން، 2021 އިން 2023 އަށް ގަަތަރު ކްރިކެޓް ޓީމުގެ ހެޑް ކޯޗަކަށް އަދި ކްރިކެޓް ފެޑެރޭޝަން އޮފް އުޒްބެކިސްތާންގެ ޑިރެކްޓަރުގެ ގޮތުގައިވެސް އަސަދު ވަނީ މަސައްކަތްކޮށްފައެވެ.
އަސަދު ވަނީ މީގެ ކުރިން އަފްގާނިސްތާން ގައުމީ ޓީމަށް ކުޅެފައެވެ. އެއީ 2003 އިން 2012 ވަނަ އަހަރާ ހަމައަށެވެ.
ކްރިކެޓް އެޑްމިނިސްޓްރޭޝަންގައިވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ އަސަދު ވަނީ 2025 ވަނަ އަހަރު، ގަލްފް ކަޕްގެ، ޓޯނަމަންޓް ޑިރެކްޓަރުގެ ޒިންމާވެސް އަދާކޮށްފައެވެ.