ޚަބަރު

ޣައްޒާއިން ޔަހޫދީ ސިފައިން ބޭލުމާ ނަތަންޔާހޫ ދެކޮޅު


ފަލަސްޠީނުގެ ޣައްޒާއަށް ހަމަލާ ދިނުން ހުއްޓައިލުމާއި ޣައްޒާއިން ޔަހޫދީ ސިފައިން ބޭލުމަށް ދެކޮޅު ހަދާ ކަމަށް ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޣައްޒާ ހިންގުމަށް ޤާއިމްކޮށްފައިވާ ޞުލްޙައިގެ ބޯޑަށް އަންގައިފިއެވެ.

އެނގިފައިވާ ގޮތުގައި ނަތަންޔާހޫ އެ ކަން އަންގާފައި ވަނީ ޞުލްޙައިގެ ބޯޑުން ޣައްޒާއަށް ކަނޑައަޅާފައިވާ އިސް މަންދޫބު، ނިކޮލާއީ މިލާޑެނޮވްއާއެކު އޮގަސްޓު މަހުގެ 3ވަނަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. ނަތަންޔާހޫ ބުނީ ޣައްޒާގައި ޔަހޫދީން އަތްގަދަކޮށްފައިވާ މަޤާމުތަކުން ސިފައިން ނުފައިބާނެ ކަމަށާއި ހަމަލާ ދިނުން މެދުކަނޑައި ނުލާނެ ކަމަށެވެ.

ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން މީގެ ކުރިން ވަނީ ޣައްޒާގައި ހަމަލާ ބަދަލުކުރުން ހުއްޓައިލުމާ ގުޅޭ މަގުޗާޓާ މެދު ހުރި ބައެއް ކަންބޮޑުވުންތައް ޞުލްޙައިގެ ބޯޑާއި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓީމާ ޙިއްޞާކޮށްފައެވެ.

ޖުލައި މަހުގެ 30ވަނަ ދުވަހު ޞުލްޙައިގެ ބޯޑުން ވަނީ ޣައްޒާގެ ކުރިމަގާ ގުޅޭގޮތުން ޓްރަމްޕް ރާއްވަވާފައިވާ ރޭވުމުގެ ކުރިއަށް އޮތް މަރުހަލާގެ އުސޫލުތަކާއި އެ އުސޫލުތައް ތަންފީޛު ކުރުމާ ގުޅޭ ތަފްޞީލްތައް ބަޔާންކޮށްފައިވާ އެއްބަސްވުމެއްގެ ދެލިކޮޕީ ޙިއްޞާކޮށްފައެވެ. އެ އެއްބަސްވުމުގައި ސަލާމަތީ ކަންކަމާއި އިދާރީ ކަންކަމުގެ އިތުރުން އިންތިޤާލީ މަރުހަލާގައި ޢަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އަދި ސިޔާސީ ގޮތުން ޣައްޒާގެ ހިންގުން ކުރިއަށް ގެންދާނެ ގޮތް ވެސް ބަޔާންކޮށްފައިވެއެވެ.

ހަމަ އެ ދުވަހު ޞުލްޙައިގެ ބޯޑާއި ޓްރަމްޕް ވަނީ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޛު ކުރުމާ ގުޅޭ ތަފްޞީލީ މަގުޗާޓު ޙަމާސްއިން ޤަބޫލުކޮށްފައިވާ ކަމަށް އިޢުލާނުކޮށްފައެވެ.

މި ޙާލަތުގައި ޣައްޒާގައި ވެރިކަންކުރާ ޙަމާސްއިން ބުނީ ޞުލްޙައިގެ ބޯޑުގެ މަންދޫބު ނިކޮލާއީ މިލާޑެނޮވް އާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ މެދުވެރިންގެ ފަރާތުން ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާ ތަންފީޛު ކުރުމާ ގުޅޭ ގޮތުން ސާފު އަދި ރަސްމީ ޖަވާބެއް ލިބެންދެން އެ ޖަމާޢަތުން މަޑުކޮށްގެން ތިބި ކަމަށެވެ. ދެވަނަ މަރުހަލާ ތަންފީޛު ކުރުމާ ގުޅޭގޮތުން ޙަމާސްއާއި ފަލަސްޠީނުގެ ފެކްޝަންތަކުން އެއްބަސްވެފައިވާ ގޮތަށް ޢަމަލުކުރުމަށް ތައްޔާރަށް އޮތް ކަމަށް ވެސް ޙަމަާސްއިން ބުނެފައިވެއެވެ.