ޚަބަރު

އެލްޖީއޭއަށް 16 އަހަރު، ކައުންސިލްތައް ނިޒާމަށް އަހުލުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް


  • 16 އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމަށް ގިނަ ބަދަލުތަކެއް

  • ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތަކެއް

ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ ކައުންސިލްތަކާ އެންމެ ގާތުން މަސައްކަތްކުރާ އެއް އިދާރާއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ އެކުލަވާލާ ޚިދުމަތް ފެށިތާ މިއަދަށް މިވަނީ 16 އަހަރު ވެފައެވެ. ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއް ވަނީ ގެންގޮސްފައެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީގެ 16ވަނަ އަހަރީ ދުވަހާ ގުޅިގެން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ ވޭތުވެދިޔަ 16 އަހަރުގެތެރޭގައި ލާމަރުކަޒީ ނިޒާމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާކަމަށާއި މިއިން ކޮންމެ ކަމަކާއެކު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް މަގުފަހިވެފައިވާކަމަށެވެ.

މި ބަދަލަކާއެކު ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ގަވާއިދުން ގެންދިއުމަށާއި، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހެޔޮގޮތުގައި ފަހިކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދޔަކަމަށް ސީއީއޯ ވިދާޅުވިއެވެ.

ނިމާލް ވިދާޅުވީ އެލްޖީއޭއިންވެސް އަދި ކައުންސިލްތަކުންވެސް އެއް މުއައްސަސާ އަނެއް މުއައްސަސާއަށް ބޭނުންވާ އެއްބާރުލުން ދީގެން މަސައްކަތްތައް ކުރަމުންދާކަމަށެވެ.

"ކައުންސިލްތަކާއެކު ވަރަށް ގާތުން މަސައްކަތްކުރަނީ. ކައުންސިލްތަކުން އެދޭ ކަންކަމުގައި ވީހާވެސް އަވަހަށް ޖަވާބުދީ، މަސައްކަތްތަކުގެ ސްޕީޑް އަވަސްކުރެވިއްޖެ. ކައުންސިލްތަކުން މި ދޭ އިރުޝާދުތައް ބަލައިގަނެ އަމަލުކުރޭ." އެލްޖީއޭގެ ސީސީއޯ މުޙައްމަދު ނިމާލް ވިދާޅުވިއެވެ.

ކުރިއާ އަޅާބަލާއިރު، ކައުންސިލްތަކުގެ މަސައްކަތްތަަކަށް އައި ބަދަލުތަކަށް ހޭލުންތެރިވެ، ކުރިއެރުންތަކެއް އައިސްފައިވާކަމާށާއި، ޤާނުނުތަކަށް ގެންނަ ބަދަލުތައް ކައުންސިލްތައް އަހުލުވެރިކުރުވުމާއި ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެލްޖީއޭއިން ފާހަގަކުރައްވަފައެވެ.

"ނިޒާމަށް އަހުލުވެރިކުރުމަށް ވަރަށް ގިނަ ތަމްރީންތައް ރާއްޖެ އަދި ރާއްޖެއިން ބޭރުންވެސް ދަނީ ފަހިކޮށްދެމުން. މެންބަރުންނަށް އަދި އިދާރީ މުވައްޒަފުންވެސް މީގެތެރޭގައި ހިމެނޭ. މިވަތު ކުރަމުންދަނީ 5 އަހަރުގެ ތަރައްޤީގެ އަދި ފައިނޭޝަން ޕްލޭންއަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ މަސައްކަތް. ޓެންނިކަލް ގިނަ އެހީތެރިކަން ފޯރުކޮށްދޭ." އެލްޖީއޭގެ މުވައްޒަފުން ފާހަގަކުރެއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި 18ވަނަ އިސްލާހާއެކު ސިވިލް ސަރވިސްގެ އޮނިގަނޑުގެ ދަށަށް، އެލްޖީއޭގެ މުވައްޒަފުން ވަނީ ބަދަލުކޮށްފައެވެ. މިވަގުތު ކުރިއަށްދަނީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދީ، ޤަވާއިދަށް އަހުލުވެރިކުރުމުގެ މަސައްކަތެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީ އެލްޖީއޭއަކީ ޤާނޫނު އަސާސީގެ އަށްވަނަ ބާބުގައި އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުޞޫލުންކަމަށް ކަނޑައަޅުއްވާފައިވާތީ، އިދާރީ ދާއިރާތައް ހިންގުމުގެ އަސާސްތަކާއި އެ ނިޒާމު ހިންގުމަށް ބޭނުންވާ އިދާރާތަކާއި ބާރާއި މަސްއޫލިއްޔަތު ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން 2010 ވަނަ އަހަރު ފާސްކޮށް އަމަލުކުރަންފެށި ޤާނޫނުން ލާޒިމުކޮށްގެން ވުޖޫކުރެވުނު މުއައްސަސާއެކެވެ.

މިގޮތުން، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ބަޔާންކޮށްފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މި މުވައްސަސާގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކުގެ މަސައްކަތްތަކާއި ޙަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމެވެ.