ކ. ގާފަރު ކައިރިއަށް ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެމީހުން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާތަނަށް، ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިހާދިސާގައި ގެއްލިފައިވަނީ 2 ބިދޭސީން ކަމަށެވެ.
މިދިޔަމަހުގެ 31ވަނަ ދުވަހު ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ކ.ގާފަރު ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، އެދުވަހު ހެނދުނު 08:48 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގި ވަގުތު ކޮޅުވެއްޓީގައި 10 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން 8 މީހުން ސަލާމަތް ކުރެވުނު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި ހާދިސާގައި 2 މީހުން ގެއްލިފައިވާއިރު، އެމީހުން ހޯދުމުގެ މަސައްކަތް އެދުވަހުން ފެށިގެން އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން މިހާތަނަށް ކަނޑާއި ވައިގެ މަގުން 3580 އަކަ ކިލޯ މީޓަރުގެ ސަރަޙައްދެއް ބަލާފައިވާކަމަށެވެ.
އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާކަމަށާއި، ކޯސްޓްގާޑުގެ ޑައިވަރުން 67،5120 އަކަ މީޓަރުގެ ސަރަޙައްދެއް ޑައިވްކޮށްގެން ބަލާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
މި ހާދިސާގައި ގެއްލުނު ދެ މީހުންނާ ބެހޭ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.
އެ 2 މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި މައުލޫމާތު ދެއްވުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.