ޚަބަރު

ރެއާލްގެ ގާސިއާ އާއި ޕަލާސިއޯސް ފުލަމްއަށް


  • މިދެ ކުޅުންތެރިންވެސް ފުލަމްއަށް ބަދަލުވެފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުންތަކެއްގެ ދަށުން

ސްޕެނިޝް ލަލީގާގެ ރެއާލް މެޑްރިޑަށް ކުޅެމުންދިޔަ ގޮންޒާލޯ ގާސިއާ އާއި ސެޒާ ޕަލާސިއޯސް އިންގްލިޝް ޕްރިމިއަރ ލީގުގެ ފުލަމްއަށް ސޮއިކޮށްފިއެވެ.

މަޢުލޫމާތުލިބޭގޮތުގައި މިދެ ކުޅުންތެރިންވެސް ފުލަމްއަށް ސޮއިކޮށްފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުން ތަކެއްގެ ދަށުންނެވެ. ނިމިގެންދިޔަ ސީޒަންގައި އުމުރުން 22 އަހަރުގެ ގާސިއާވަނީ ރެއާލްއަށް 39 މެޗު ކުޅެދީފައެވެ. އަދި މިމެޗުތަކުގައި އޭނާވަނީ 8 ލަނޑު ޖަހައިދީފައެވެ. މިއަހަރުގެ ޖޫން މަހު ސްޕެއިންގެ ޤައުމީ ޓީމަށް ފުރަތަމަ މެޗު ކުޅުމުގެ ފުރުސަތު ލިބިގެންދިޔަ ގާސިއާ ފުލަމްއަށް ބަދަލުވެފައިވަނީ 34 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މިއާއެކު އޭނާއަށް މިވަނީ މިދިޔަ ސީޒަންގައި ރެއާލްގައި ހުރި ކޯޗު އަލްވާރޯ އަރްބެލޯއާއެކު އަނެއްކާވެސް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައެވެ.

ފުލަމްއަށް ސޮއި ކުރުމަށްފަހު ގާސިއާ ބުނީ އޭނާއަށް މިފުރުސަތު ލިބުމުން ވަރަށް އުފާކުރާކަމަށެވެ. އަދި ފުލަމްގެ ބޯޑާއި އަރްބެލޯއާ އޭނާއަށް ކުރި އިތުބާރަށް ޓަކައި އޭނާވަނީ ޝުކުރު އަދާކޮށްފައެވެ.

ގާސިއާގެ އިތުރުން ފުލަމްއިންވަނީ ރެއާލްއަށް ކުޅެމުންދިޔަ އުމުރުން 21 އަހަރުގެ ޕަލާސިއޯސްވެސް އެޓީމަށް ގެންގޮސްފައެވެ. މިދެ ކުޅުންތެރިންގެ އެއްބަސްވުމުގެ ދަށުން 2031 ވަނަ އަހަރުގެ ނިޔަލަށް ފުލަމްގައި މަޑުކުރާނެއެވެ. އަދި އިތުރު 12 މަހަށް އެއްބަސްވުން އިތުރު ކުރުމުގެ ފުރުސަތުވެސް ފުލަމްއަށް ލިބިގެންވެއެވެ. ޕަލާސިއޯސްވަނީ ރެއާލްގެ ސީނިއަރ ޓީމަށް ފަސް ފަހަރު ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެފައެވެ. އަދި ސްޕެއިންގެ 20 އަހަރުން ދަށުގެ ޓީމަށް އޭނާ ކުޅެފައިވެއެވެ.