ޚަބަރު

"ސްކޮޑް އާކުރީ 10 އަހަރުގެ ޕްލޭނަކަށް"


އަންނަ ސީޒަނަށް މާޒިޔާއިން ނުކުންނައިރު، އެ ޓީމުގެ ސްކޮޑު ޒުވާންކޮށްފައިވަނީ 10 އަހަރު ދުވަހުގެ ޕްލޭނަކާއެކުގައި ކަމަށް މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ބުނެފިއެވެ.

ސުޒެއިރު ބުނީ ނިއުރޭޑިއަންޓް ބަލިކޮށް އެ ޕްލޭންގެ ދަށުން ކުޅުނު ފުރުަތަމަ މެޗުގައި ޗެރިޓީ ޝީލްޑް ކާމިޔާބުކުރުން އެއީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މާޒިޔާއިން އަންނަ ސީޒަނަށް ނުކުންނާނީ ބިދޭސީ ކޯޗަކާއެކުގައެވެ. އެކަމަކު ހުކުރު ދުވަހުގެރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗަށް މާޒިޔާއިން ނުކުތީ ސުޒެއިރުގެ އިރުޝާދުގެ ދަށުންނެވެ.

ޕެނަލްޓީގައި މާޒިޔާއިން މި މެޗު ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 ގެ ނަތީޖާއަކުންނެވެ.

މި މެޗަށްފަހު "ޕީއެސްއެމް ނިއުސް"އާ ވާހަކަ ދައްކަމުން ކޯޗު ސުޒެއިރު ބުނީ، މި މެޗަށް ނުކުތްއިރު، ވެސް ކުޅުންތެރިންނަށް އިތުބާރު އޮތް ކަމަށެވެ. އަދި މެޗުގެ ކުރިން ކުޅުންތެރިންގެ ފަރާތުން މި މެޗު ކާމިޔާބުކުރުމަށް ކުރި މަސައްކަތް ފެނިގެންދިޔަ ކަމަށެވެ.

ސުޒައިރު ވަނީ މީގެ ކުރިން މާޒިޔާއިން ޒުވާން ކުޅުންތެރިން ގެނަސްގެން ހެދި ޕްލޭން ކާމިޔާބު ކަމަށާއި، އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ލީގު ޗެމްޕިއަންކަން މާޒިޔާއިން ނެގުން އެއީ އެ ޕްލޭންގެ ކާމިޔާބީން ފެންނަން އޮތް ހަގީގަތް ކަމަށް ބުނެފައެވެ. މީގެ ދިހަ އަހަރު ކުރިން މާޒިޔާއިން ޒުވާން ކުޅުންތެރިން ގެނަސް ހެދި ސްކޮޑުގައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ކެޕްޓަން ސަމޫހް އަލީ (ސަމުއްޓޭ)، އިބްރާހީމް އައިސަމް، ހަސަން ޝިފާޒް (ޑުންގާ) އަދި ކީޕަރު ހުސެއިން ޝަރީފް ފާހަގަކޮށްލެވެއެވެ.

މާޒިޔާ އިން އަންނަ ސީޒަނާ ކުރިމަތިލާއިރު، އެ ޓީމުގެ އެވަރެޖް ސްކޮޑް އުޅޭނީ 23 އަހަރުން ދަށުގައެވެ. މިދިޔަ ދެ އަހަރުވެސް ޔޫތު ޗެމްޕިއަންޝިޕް މާޒިޔާއިން ކާމިޔާބުކުރިއިރު، މާޒިޔާގެ ސީނިއާ ސްކޮޑުގައި ޒުވާން ޓީމުގެ ކުޅުންތެރިން ގިނައެވެ.

"މީގެ ކުރިންވެސް މާޒިޔާއިން މި ޕްލޭން އަށް މަސައްކަތްކުރި. އޭގެ ކާމިޔާބީއާއެކު އަނެއްކާވެސް މި ފެށީ ކުރިއަށް އޮތް 10 އަހަރަށް ޕްލޭނެއް އެކުލަވާލާ ތައްޓަށް ވާދަކުރަން" ސުޒައިރު ބުނިއެވެ.