ސްކޮޓްލަންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގެ އެތުލެޓިކްސް އިވެންޓުގައި ވާދަކުރި އެތުލީޓުން ކުރިއެރުންތަކެއް ހޯދައިފިއެވެ.
މި ފަހަރުގެ މުބާރާތުގައި އެތުލެޓިކްސް ޓީމުން ވާދަކުރާ އެތުލީޓުންނަކީ، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ހަސަން ސާއިދު، ހުސެއިން ޒީކް ސުއާދު، އާދަމް ރިއްފަތު، އަހްނާ ނިޒާރު، ޒިވާ މޫސާ ޝަފީއު، ފަސޫހާ އަހުމަދު، އައިޝަތު ޝަބާ ސަލީމް އަދި އާމިނަތު ލަޔާނާ މުހައްމަދު އެވެ.
ހޯމަ ދުވަހު ކުރިއަށްދިޔަ 100 މީޓަރު ދުވުމުގެ އިވެންޓުގައި ވާދަކޮށް ސާއިދު ހީޓް ނިންމީ 10.77 ސިކުންތުންނެވެ. 77 އެތުލީޓުން ވާދަކުރާ މި އިވެންޓުގައި ސާއިދު ރޭންކު ކުރެވުފައިވަނީ 51 ވަނައިގައެވެ.
މީގެ އިތުރުން ރާއްޖޭގެ އައިޝަތު ޝަބާ ސަލީމް ވަނީ އަންހެން 100 މީޓަރުގައި ވާދަކޮށް 12.59 ސިކުންތުން ރޭސް ނިންމައިފައެވެ. 52 އެތުލީޓުން ވާދަކުރާ މި އިވެންޓުގައި ޝަބާ ރޭންކް ކުރެވިފައި ވަނީ 44 ވަނައިގައެވެ.
މީގެ އިތުރުން ރާއްޖޭގެ ޒިވާ މޫސާ ޝަފީއު ވެސް ވަނީ ހޯމަ ދުވަހު 100 މީޓަރު ދުވުމުގައި ވާދަކޮށްފައެވެ. ޒިވާ ރޭސް ނިންމީ 12.09 ސިކުންތުންނެވެ. އެއާއެކު ޒިވާ ވަނީ އޭނާގެ ޕާސަނަލް ބެސްޓް ޓައިމިން ހަދައިފައެވެ. 52 އެތުލީޓުން ވާދަކުރާ މި އިވެންޓުގައި ޒިވާ ރޭންކްކުރެވިފައިވަނީ 35 ވަނައިގައެވެ.
މީގެ އިތުރުން ރާއްޖޭގެ އަހްނާ ނިޒާރު 100 މީޓަރުގެ ދުވުން ނިންމީ 12.19 ސިކުންތުންނެވެ. އަހްނާ ރޭންކް ކުރެވިފައިވަނީ 37 ވަނައިގައެވެ.
މީގެ އިތުރުން ރާއްޖޭގެ ފަސޫހާ އަހްމަދު ވަނީ 800 މީޓަރު ދުވުމުގައި ވާދަކޮށް 2:19.86 ސިކުންތުން ރޭސް ނިންމާފައެވެ. 28 އެތުލީޓުން ވާދަކުރާ މި އިވެންޓުގައި ފަސޫހާ ރޭންކް ކުރެވިފައިވަނީ 25 ވަނައިގައެވެ.