ޚަބަރު

އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖުގައި ބައިވެރިވާ ޓީޓީ ޓީމު ފުރައިފި


  • ރާއްޖޭގެ ހަތަރު ކުއްޖަކު މި ކޭމްޕުގައި ތަމްރީނުވާނެ

  • ކޭމްޕު ކުރިއަށްދާނީ މިމަހުގެ 29 އިން އޮގަސްޓްމަހުގެ 3 އަށް

  • ގިނަ ޤައުމުތަކަކުން މި ޓްރޭނިންގައި ބައިވެރިވޭ

އައިޓީޓީއެފް އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026ގައި ބައިވެރިވާ ޖޫނިއާ ޤައުމީ ޓޭބަލްޓެނިސް ޓީމުގެ ކުޅުންތެރިން ކަޒަކިސްތާނަށް ގޮސްފިއެވެ.

އައިޓީޓީއެފް އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026 ގައި ރާއްޖެއިން ބައިވެރިވާ ކުދިންނަކީ އިބްރާހިމް އަޝްޢަލް އާސިފް، ޢާއިޝަތު އެލީން ޝަފަޚް، ފާޒް އިމްޔާޒް ލަޠީފް އަދި ޢާއިޝަތު ސާރާ އުނައިސްއެވެ. އަދި ކޯޗެއްގެ ގޮތުން ޓީމާއެކު ދިޔައީ ފާތިމަތު ޖުމާނާ ނިމާލްއެވެ.

ހަފްތާއަކަށް ކުރިއަށްގެންދާ މި ޓްރޭނިން ކޭމްޕުގެ ތެރެއިން ކުޅުންތެރިންނަށް ގިނަ ތަމްރީނުތަކެއް ލިބިގެންދާނެއެވެ. މި ކޭމްޕްގައި ކުދިން ތަމްރީނުކުރުމަށް ތިބޭނީ ތަޖުރިބާހުރި މޮޅެތި ކޯޗުންކަމަށްވާއިރު މިއީ ވަރަށް އިންޓެންސިވް ކޭމްޕެއްކަމަށް ޓީޓީ އެސޯސިއޭޝުން ވަނީ މައުލޫމާތިދީފައެވެ.

މި ޓްރޭނިންއަކީ ޓެކްނިކަލް ގިނަ ކަންތައްތަކަކަށް ކުދިން ހާނުވާނެ ކޭމްޕަކަށްވާއިރު، މި ސަރަހައްދުގެ ގިނަ ޤައުމުތަކަކުން މި ޓްރޭނިންގައި ބައިވެރިވެއެވެ. އަދި އެކި ޤައުމުތަކުގެ ކުޅުންތެރިންނަށް އެކުގައި މެޗުތައް ކުޅެލުމުގެ ފުރުސަތު މި ކޭމްޕުން ލިބިގެންދާނެއެވެ.

އައިޓީޓީއެފް އޭޝިއާ ހޯޕްސް ވީކް އެންޑް ޗެލެންޖް 2026ގައި ބައިވެރިވާ އިތުރު ޤައުމުތަކުގެ ތެރޭގައި ތައިލޭންޑް، ޖަޕާން، ސިންގަޕޫރު، ފިލިޕީންސް، މެލޭޝިއާ، އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމު ހިމެނެއެވެ. މި ކޭމްޕް ކުރިއަށްދާނީ މިމަހުގެ 29 އިން އަންނަމަހުގެ 3 ގެ ނިޔަލަށް ކަޒަކިސްތާނުގެ އަލްމާތީގައެވެ.