ޣައްޒާގެ ވަކި ސަރަޙައްދުތަކެއްގައި ބޭރު ޤައުމުތަކުގެ ސަލާމަތީ ބާރުތަކަށް ޙަރަކާތްތެރިވެވޭ ގޮތަށް ޔަހޫދީންގެ ސަލާމަތީ ކެބިނެޓުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައި ވަނީ މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށް އެމެެރިކާއިން ހިތްވަރުދޭ ޓްރަމްޕްގެ ސުލްހައިގެ ބޯޑުގެ ނިންމުމެއްގެ ދަށުންނެވެ.
ޣައްޒާގައި ޞުލްޙަ ޤާއިމްކުރުމުގެ ނަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވޭ ޞުލްޙައިގެ ރޭވުމުގެ ދަށުން އެ ސަހަރުގައި އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް، އައިއެސްއެފްއިން ޙަރަކާތްތެރިވާނެއެވެ. އެ ފައުޖުގައި ހިމެނޭނީ މޮރޮކޯއާއި ޔުގަންޑާ ހިމެނޭ ގޮތަށް އެކި ޤައުމުތަކަށް ނިސްބަތްވާ 200އެއްހާ ސިފައިން ކަަމަށް ރިޕޯޓުކޮށްފައިވެއެވެ. އެ ފައުޖު ޙަރަކާތްތެރިވުމަށް ހަމަޖެހިފައި ވަނީ ދެކުނު ޣައްޒާގައި އޮންނަ ރަފަޙްގެ ވަކި ސަރަޙައްދެއްގައެވެ.
ޔަހޫދީން މި ފަދަ ނިންމުމެއް ނިންމާފައި މި ވަނީ ޣައްޒާގައި ބައިނަލްއަޤްވާމީ ފައުޖަކުން ޙަރަކާތްތެރިވުމަށާއި ފަލަސްޠީނުގެ އިންތިޤާލީ ސަރުކާރަކުން ޣައްޒާ ހިންގުމަށް އދގެ ސަލާމަތީ މަޖިލީހުގެ ތާއީދު ލިބިފައިވާ އޮނިގަނޑެއްގެ ދަށުންނެވެ. ނަމަވެސް މަސްރަހު ދިރާސާކުރާ ގިނަ ތަޖުރިބާކާރުން ޤަބޫލުކުރައްވާ ގޮތުގައި މި ނިިންމުމަކީ ޞުލްޙަ ޤާއިމްކުރުމުގެ ނިޔަތުގައި އަޅާފައިވާ ފިޔަވަޅެއް ނޫނެވެ. މިއީ ޚާރިޖީ އަދި ސިޔާސީ މަގްސަދެއްގައި ނިންމާފައިވާ ނިންމުމެއް ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެއީ ޔަހޫދީން އަދިވެސް ޣައްޒާއަށް މެދުކެނޑުމެއް ނެތި ޙަމަލާ ދެމުން ދާތީއާއި ޞުލްޙައިގެ މަސައްކަތްތައް މަޑުޖެހިފައިވާތީއެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، މި ނިންމުމަކީ އެމެރިކާގެ ފަރާތުން ކުރިމަތިވެދާނެ ފިއްތުންތަކުން ރެކުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ވެސް ޤަބޫލުކުރެވެއެވެ.
ޔަހޫދީން ފުރަތަމަ ރާވާފައި އޮތީ މޮރޮކޯގެ 500 ސިފައިން ޣައްޒާގެ ރެފިއުޖީ ކޭމްޕްއަކަށް ފޮނުވުމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް، ސިފައިންގެ ޢަދަދު 200އަށް މަދުކުރުމުން ދައްކުވައިދެނީ ޔަހޫދީން އެ މަސައްކަތް ކުރަން ބޭނުންވަނީ މަރުހަލާތަކަކަށް ބަހާލައިގެން، އެ ކަމުގެ މައްޗަށް ޔަހޫދީންގެ ފުރިހަމަ ބާރު ފޯރެވޭނެ ގޮތަކަށް ކަމަށެވެ.
އައިއެސްއެފްއިން ޣައްޒާގައި ޙަރަކާތްތެރިވި ނަމަވެސް މުހިންމު ސަރަޙައްދުތަކުގައި އަދިވެސް ހިނގާނީ ޔަހޫދީންގެ ބާރެެވެ. ޙަމާސްއިން ހަތިޔާރު ބެހެއްޓުމުން ނޫނީ ޔަހޫދީ ސިފައިން ޣައްޒާއިން ނުފައިބާނެ ކަމަށް ޔަހޫދީން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ޢާންމުންނާ ގުޅުންހުރި މަދަނީ ކަންކަން ބަލަހައްޓާނީ ޕަލަސްޠީނިއަން ނޭޝަނަލް ކޮމިޓީއިންނެވެ. އަދި ފަލަސްޠީނުގެ ފުލުހުންނަށް ބަޑިފަދަ ހަތިޔާރު ނުގެންގުޅެވޭނެއެވެ.