ސޫރިޔާގައި ޔަހޫދީން ހިންގާފައިވާ ޖަރީމާތަކާ ގުޅޭގޮތުން މި މަހުގެ ތެރޭގައި އދގެ ސަލާމަތީ މަޖިލީހަށް ތަފްޞީލީ ރިޕޯޓެއް ފޮނުވާނެ ކަމަށް އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިޔޯ ގުރޭޚެޝް ވިދާޅުވެއްޖެއެވެ.
ސޫރިޔާގެ ދިމިޝްޤުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ގުތޭޚެޝް ވިދާޅުވީ ސޫރިޔާގައި ޔަހޫދީންގެ ޢަމަލުތައް ހުރި ގޮތުން އެ ޤައުމުގެ އިސްތިޤުލާލަށާއި ސަރަޙައްދީ މިނިވަން ކަމަށް ބުރޫއަރާ ކަމާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ 1974ވަނަ އަހަރުގެ ޑިސްއެންގޭޖްމެންޓް އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ޔަހޫދީންނަށް ގޮވާލައްވައިފައެވެ. ސޫރިޔާގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައިވާ ނަމަވެސް އަމިއްލަ ހައްޤުތައް ކަށަވަރުކުރުމަށް އެ ޤައުމުގެ ރައްޔިތުން ފަސްނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގުތޭޚެޝް އިތުރަށް ވިދާޅުވީ އދގ އިންސާނީ އެހީއިން ފުއްދައިދެވެނީ ސޫރިޔާގެ ރައްޔިތުންނަށް ޖެހިފައިވާ ބޭނުންތަކުގެ 20 އިންސައްތަ ކަމަށެވެ. ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަމުގައި އެ ޤައުމާ ދެކޮޅަށް ބޭރު ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް ވެސް އޭނާ ގޮވާލައްވާފައިވެއެވެ.
ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް މަރުޚަބާ ވިދާޅުވެ ގުތޭޚެޝް އިތުރަށް ވިދާޅުވީ އޭގެ ސަބަބުން ސޫރިޔާގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް މަގުފަހިވާ ކަމަށެވެ. ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މިހާރުން މިހާރަށް އުވައިލުމުގެ މުހިންމު ކަން އޭނާ ފާހަގަކުރެއްވިއެވެ.
ސޫރިޔާގައި ހުންނަ ސައިދުނައްޔާ ޖަލަށް އެ މަނިކުފާނު ކުރެއްވި ޒިޔާރަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގުތޭޚެޝް ވިދާޅުވީ އެ ޒިޔާރަތުގައި ޖަލުގައި މީގެ ކުރިން ބަންދުކޮށްފައިވާ މީހުން ތަޙައްމަލް ކުރި ވޭން ސާފުވި ކަމަށެވެ. އަލްއަސަދުގެ ވެރިކަމުގައި އެ އެތައް ހާސް ބަޔަކަށް އެ ޖަލުގައި އަނިޔާކޮށް މަރާލާފައިވެއެވެ.
ގުތޭޚެޝް ވަނީ ސޫރިޔާގެ އިންތިޤާލީ ސަރުކާރަށް އެއްބާރުލުން ދިނުމަށް ކުރެވެންހުރި މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އައު ސަރުކާރުގެ މިސްރާބު ހުރީ ރަނގަޅު ދިމާލަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން ސޫރިޔާގެ އިންތިޤާލީ އިންސާފުގެ މަރުހަލާތައް އެ ޤައުމުގައި ކުރިއަށްދާ ކަމަށް ގުތޭޚެޝް ވިދާޅުވިއެވެ. ފާއިތުވި އަހަރުތަކުގައި ސޫރިޔާގައި ހިންގާފައިވާ ޖަރީމާތަކަށް އެ ޖަރީމާތައް ހިންގި މީހުން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.