ޚަބަރު

ރާއްޖެ-ސަޢުދީ: ރާއްޖޭގެ ތަރައްޤީއާއި، ފާގަތިކަމަށް އަބަދުވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް


  • ސަޢޫދީ އަރަބިއްޔާއިން ވެދޭ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި

  • ދެޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ސައުދި އަރަބިއްޔާގެ ޢަމީރު ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒު އާލް ސަޢޫދު އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ވަލީއަޙުދު އަދި ބޮޑުވަޒީރު، މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލް ސަޢޫދުގެ ފަރާތްޕުޅުން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

ސަޢުދީ ޢަމީރުގެ ޒިޔާރަތަކީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވުމަށް އެމަނިކުފާނު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. ސަޢުދީގެ ޢަމީރު ޑރ. މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒު އާލް ސަޢޫދުއަކީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރުގެ އިތުރުން އެޤައުމުގެ ސްޓޭޓް މިނިސްޓަރ އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޢަމީރު ޑރ. މަންޞޫރަށް ވަނީ، މަރުހަބާ ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމުގައި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރެއްވި ކަމަށްޓަކައި، ސަޢޫދީ އަރަބިއްޔާގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

އެމަނިކުފާނު ވަނީ، "މައްކާ ރޫޓު އިނީޝިއޭޓިވް" މެދުވެރިކޮށް ދިވެހި ޙައްޖާޖީންނަށް ދަތުރުފަތުރުގެ ކަންކަން ލުއިފަސޭހަ ކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. މިއާއެކު ސަޢޫދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ދެމުންގެންދާ އެހީތެރިކަމާއި އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައުދީ ޢަމީރު ޑރ. މަންސޫރު ވިދާޅުވީ، ސަޢޫދީ އަރަބިއްޔާއިން ދިވެހިރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ޚާއްޞަ އިސްކަމެއް ދެއްވާ ކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ، ދެޤައުމުގެ މެދުގައި އޮތް އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުމާއި، އިޙްތިރާމާއި އަދި ބައިވެރިވާ މުހިންމު އުޞޫލުތަކުގެ މައްޗަށެވެ. އަދި ދެފަރާތުގެ އެއްބާރުލުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި. މީގެއިތުރުން ވިޔަފާރިއާއި އިންވެސްޓްމަންޓުގެ ދާއިރާއިންނާއި، ދެޤައުމުންވެސް ޝައުޤުވެރިކަންދޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ.

ސަޢުދީ އަމީރު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ޝަރަފުގައި މެންދުގެ ޚާއްސަ ޖާފަތެއްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.