ޤައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރަން މަސައްކަތްކުރުމީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މައުޞޫއަކީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއެވެ.
ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވެވި ހުކުރު ޚުޠުބާގައި މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓުމީ، އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއް ކަމާއި އެއީ ކޮންމެ މީހެއްގެ ވެސް މަސްއޫލިއްޔަތެއް ކަަމަށް ވަނީ ވިދާޅުވެފައެވެ.
ޚުޠުބާގައި ވިދާޅުވީ އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ، އެ މީހަކު މި ދުނިޔޭގައި ކުރި ކަންތައްތަކާ މެދު ސުވާލުކުރެވޭނޭ މީހެއް ކަމަށެވެ. އަދި ކުރާ ޢަމަލުތަކާ މެދު މާތް اللهގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށާއި ދިރިއުޅެމުންދާ މުޖުތަމަޢަށް ވެސް ޖަވާބުދާރީވާން ޖެހޭނޭ މީހެއް ކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. ހާއްޞަ ގޮތެއްގައި، އެކި ފެންވަރުގެ ޒިންމާތަކާ ޙަވާލުވެތިބި މީހުންނަކީ، ޤިޔާމަތްދުވަހުން އެ ކަންކަމާ މެދު ވަކިވަކީން ސުވާލުވެވޭނޭ ބައެއް ކަމަށް ވިދާޅުވިއެވެ.
"އެބައިމީހުންގެ ޢަހުދުތަކާއި ހުވާތަކަށް ޙުރުމަތްތެރިކޮށްހިތައި، ވަޒީފާތަކާއި މަސްއޫލިއްޔަތުތައް އަދާކުރީ ކިހިނެއްތޯ ސުވާލުކުރެވޭނެ. އެހެންކަމުން މި މަސްއޫލިއްޔަތު އުފުލުމުގައި އިހުމާލުވެފައިވާ ނަމަ، އެ ކަމުގެ ޒިންމާ އެ މީހަކު އުފުލާންޖެހޭނެ. އެ ދުވަހަކީ ތިމާ މި ދުނިޔޭގައި ކުޅަ ކަމަކުން މެނުވީ، އެއްވެސް މަންފާއެއް ލިބޭނޭ ދުވަހެއް ނޫން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ހުކުރު ޚުޠުބާގައި ވިދާޅުވީ އިސްލާމީ މުޖުތަމަޢުގެ ހުރިހައި ކަމެއް ވެސް ބިނާވެގެން ވަނީ މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމާއި ޢަދުލުއިންޞާފުގެ މައްޗަށްކަމަށެވެ. ތަރައްޤީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ ވެސް ޢަދުލުއިންޞާފުގެ މައްޗަށް ކަމަށާއި ޢަދުލުއިންޞާފުގެ ކުރިމަތީގައި އެންމެންނީ ހަމަހަމަ ބައެއް ކަމަށް ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ. އަދި ކުށެއް ކޮށްފި ނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބު ލިބޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމަޢުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިޚުލާޞްތެރިކަމާއި ޒިންމާދާރުކަމާ އެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެން. ހުރިހައި ކަމެއްގައި ވެސް އަދި ހުރިހައި ޙާލަތެއްގައިމެ ޢަދުލުވެރިވުމަށް، ކީރިތި ޤުރްއާނުގައި މާތް الله ވަނީ އަމުރުކުރައްވައިފަ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޚުޠުބާގައި ވިދާޅުވީ އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް ކަމަށާއި ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިޚުލާޞްތެރިވާން ޖެހޭނެ ކަމަށެވެ. އަދި ރައްޔިތުން އަހަރެމެންނާ ޙަވާލުކޮށްފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ބޮޑުވެގެންވާ އަމާނާތެއް ކަމަށް ވިދާޅުވިއެވެ. ފުރިހަމަ މުސްލިމުންނަކީ ތިމާގެ އަމިއްލަ ފައިދާއާއި މަޞްލަޙަތަށް ވުރެ، އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން ކަމަށާއި ޛާތީ މަޞްލަހަތަށް ވުރެ މުޖުތަމަޢުގެ މަޞްލަޙަތަށް އިސްކަންދޭ މީހުން ކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޤަައުމުގެ ވަޙުދަތާއި އެއްބައިވަންތަކަން ދެމެހެއްޓުމީ، ހަމަ ކޮންމެ މީހެއްގެ މަސްއޫލިއްޔަތެއް ކަމާއި މިކަން ދެމެހެއްޓޭނީ ދެކޮޅުވެރިކަމާއި އަރައިރުންވުންތަކާ ދުރުހެލިވެ، އަމިއްލަ މަސްލަޙަތަށް ވުރެ، މުޖުތަމަޢުގެ މަސްލަޙަތަށް އިސްކަންދީގެން ކަމަށާއި މުޖުތަމަޢުގެ ކޮންމެ ފަރުދަކުމެ އެ މީހެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށް ޚުޠުބާގައި ވިދާޅުވެފައެވެ.
ޒިންމާދާރު ގޮތެއްގައި މަސްއޫލިއްޔަތު އަދާކުރުމީ ވަރަށް މުހިންމު ކަމެއް ކަމަށާއި މުޖުތަމަޢެއްގެ ކުރިއެރުމާއި ތަރައްޤީއާއި ތަނަވަސްކަން ބިނާވެގެންވަނީ މަސްއޫލިއްޔަތު އަދާކުރެވޭ ގޮތެއްގެ މައްޗަށަ ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ މީހަކު ވެސް އެ މީހަކާ ޙަވާލުވެފައިވާ އަމާނާތް ފުރިހަމައަށް އަދާކޮށްގެން ކަމަށް ކުރު ޚުޠުބާގައި ވިދާޅުވިއެވެ.