ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ނަން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނޮމިނޭޓް ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާކަމަށް ދެކެވޭ ވާހަކަތަކަށް ވައިޓް ހައުސް އިން ޖަވާބުދާރީވެއްޖެއެވެ.
ޓްރަމްޕްގެ ވަރަށް އަރިސް ބޭފުޅެއްގެ ފަރާތުން މަޢުލޫމާތު ލިބުނު ކަމަށް ބުނެ ނިއުޔޯކް ޕޯސްޓް އިން ހާމަކުރިގޮތުގައި ޓްރަމްޕް ބޭނުންފުޅުވަނީ އ.ދ. ގެ އާ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންފަންޓީނޯގެ ނަން ހުށަހަޅުއްވާށެވެ. މިކަމާއި ގުޅިގެން ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ވިދާޅުވީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އިންފަންޓީނޯގެ ނަން ހުށަހެޅުމާއި ގުޅޭގޮތުން ޓްރަމްޕް އާއި އިންފަންޓީނޯ މަޝްވަރާ ކުރައްވާފައިވާކަމެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ލެވިޓް ވިދާޅުވިގޮތުގައި އިންފަންޓީނޯއަކީ ޓްރަމްޕް ވަރަށް އިހްތިރާމް ކުރައްވާ ބޭފުޅެއް ކަމަށާއި ނަމަވެސް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ކަންތަކާއި ގުޅިގެން މަޝްވަރާ ކުރެއްވިކަން އެނގިވަޑައިނުގަންނަވާކަމަށެވެ. ލެވިޓް ވިދާޅުވީ އިންފަންޓީނޯ އާއި ޓްރަމްޕް ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާކަމަށާއި އަދި އެހުރިހާ ފަހަރަކު އޭނާ އެމެރިކާގެ ރައީސް އަރިހުގައި ނުހުންނަވާކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ނިމިގެންދިޔަ ވޯލްޑް ކަޕް އެހާ ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސް ނިންމާލެވިފައިވަނީ އިންފަންޓީނޯގެ ބުރަ މަސައްކަތުންކަން ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށާއި މި ވޯލްޑް ކަޕްގެ ސަބަބުން އެމެރިކާގެ ވިޔަފާރި އާއި އިގްތިސާދަށް ވަރަށް ބޮޑަށް ފައިދާވެފައިވާކަމަށެވެ. އަދި އެމެރިކާގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އިންފަންޓީނޯ ކުރި މަސައްކަތް ޝުކުރުވެރިކަމާއެކު ޓްރަމްޕް ބަލައިގަންނަ ކަމުގައިވެސް ލެވިޓް ވިދާޅުވިއެވެ.
މަޢުލޫމާތުލިބޭގޮތުގައި އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި މިހާރު ހުންނެވި އެންޓޯނިއޯ ގުޓެރޭސްގެ ދައުރު މިއަހަރުގެ ފަހު ކޮޅު ހަމަވާނެއެވެ.