އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދެމުންދާ ޣައިރުޤާނޫނީ ހަމަލާތަކަށް ބެއްލެވުމެއްނެތި ޢިރާޤުގެ ބޮޑުވަޒީރު ޢަލީ އަލް-ޒަޔިދީ އީރާނަށް ވަޑައިގަންނަވައިފިއެވެ. މިއީ، މެއި މަހު ބޮޑުވަޒީރު ކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގެންނެވުމަށްފަހު ޒަޔިދީ ތެހްރާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އޭނާ ވަނީ އީރާންގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާންއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާފައެވެ.
ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ދާއިރާތަކުގެ ތެރޭގައި ޚާރިޖީ، މާލީ، އިޤުތިޞާދީ އަދި ހަކަތައިގެ ދާއިރާގެ އިތުރުން ޒަޔިދީގެ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެވުނު ކަމުގައި ޢިރާޤުގެ މީޑިއާއިން ބުނެއެވެ. މީގެ އިތުރުން، ދެ ޤައުމުން ގުޅިގެން އިޤުތިޞާދީ އަދި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމަށް ވެސް ދެ ރައީސުން ވަނީ އެއްބަސްވެ ވަޑައިގަންނަވާފައެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން ދެމެހެއްޓުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު، ޕީޒިޝްކިޔާން ވިދާޅުވީ އަވައްޓެރި ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަކީ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމުގައެވެ. ސަރަޙައްދީ ކާރިސާތައް ޙައްލުކުރެވޭނީ މަޝްވަރާއާއި ޚާރިޖީ ގުޅުންތަކުގެ ތެރެއިން ކަމަށާއި، ބައިނަލްއަޤުވާމީ ޤާނޫނުގެ މައްޗަށް ބިނާކޮށް ޞުލްޙަވެރި ޙައްލުތައް ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުންނަށް ފުރިހަމައަށް ތާޢީދުކުރާ ކަން ވެސް ބަޣުދާދާއި ތެހްރާނުން ނެރުނު ގުޅިފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޒަޔިދީގެ ދަތުރުފުޅާ ދިމާކޮށް ވެސް އެމެރިކާއިން ވަނީ އީރާންގެ ރަށްތަކަށް ނިރުބަވެރި ހަމަލާތަކެއްދީފައެވެ. މިއީ، އެމެރިކާގެ ހަމަލާތައް ޖެހިޖެހިގެން ކުރިއަށްދިޔަ 13 ވަނަ ދުވަހެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، މި ޙަމަލާތައް އަމާޒުކުރީ އަސްކަރީ މަރުކަޒުތަކަށާއި ޑްރޯން ރައްކާކުރާ ގުދަންތަކަށް ކަމުގައެވެ. އަދި، ހުރްމުޒް ކަނޑުއޮޅި މިހާރުވެސް ވިޔަފާރީގެ ދަތުރުފަތުރަށް ރައްކާތެރިކަމާއެކު ހުޅުވިފައިވާ ކަމަށާއި، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގައި ވެސް ސެންޓްކޮމުން ބުނެއެވެ.
މި ދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިހާރު ދެމުންދާ ހަމަލާތަކަށްވުރެ ބޮޑު އަދި ނުރައްކާތެރި ހަމަލާތަކެއް ދެއްވާނެ ކަމުގައި ވިދާޅުވެ ތެހްރާނަށް އިންޒާރު ދެއްވާފައެވެ. ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް އީރާންގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ދެމުންދާ ރައްދު ހަމަލާތަކާއެކު މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އައިއާރްޖީސީގެ އެންމެ ފަހުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ކުވައިތާއި ބަޙްރައިންގެ އިތުރުން އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ އަމާޒުތަކަށެވެ. މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާއާށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާއިރު، ރައްދު ހަމަލާތައް ހުއްޓައިނުލާނެ ކަމުގައި އައިއާރްޖީސީން ބުނެއެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން މި ހަނގުރާމައިގެ ތެރެއަށް ވަނުމާއެކު މަސްރަޙު ވަނީ އިތުރަށް ގޯސްވެފައެވެ. މި ގޮތުން، ރަތް ކަނޑު ހުރަސްކޮށް ބާބް އަލް-މަންދަބް ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތްކުރި ދެ ޓޭންކަރަކަށް ޙޫޘީން ހަމަލާދިނުމާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ލޮޅުންއަރާފައެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ބަނދަރުތައް ޙިޞާރު ކޮށްފައިވާނެ ކަން ޙޫޘީން އިޢުލާނުކުރުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އަނެއްކާ ވެސް ވަނީ 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ.
ހުޅަނގު އޭޝިޔާގެ ޙާލަތު އިތުރަށް ގޯސްވަމުންދާ މި ދަނޑިވަޅުގައި އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަލާމަތީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގުތެރޭޝް ވިދާޅުވީ، ޙާލަތު ގޯސްވެ، ކޮންޓުރޯލު ގެއްލުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމުގައެވެ. އޭނާ މި މޭރުމުން ވިދާޅުވެފައިވާއިރު، ޓްރަމްޕް ވަނީ ބާބް އަލް-މަންދަބުން ދަތުރުކުރި ދެ ޓޭންކަރަށް ޙޫޘީން ހަމަލާދިން މައްސަލައިގައި، ޙޫޘީންގެ އިތުރުން އީރާނަށް ވެސް އަދަބު ދެއްވާނެ ކަމުގައި ވިދާޅުވެ، އިތުރު އިންޒާރެއް ދެއްވާފައެވެ. އަދި، އެ ޓޭންކަރުތަކަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ތެހްރާނުން ދައްކަން ޖެހޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.