ރާއްޖޭގައި މިވަގުތު ހުރި އެއްވަނަ ފޯވާޑުގެ ގޮތުގައި ގިނަބަޔަކު ނިސްބަތްކުރާ ހަމްޒާ މުޙައްމަދު (ހަމްޕު)، ވިކްޓްރީ ސްޕޯޓްސް ކުލަބާ ގުޅިއްޖެއެވެ.
މާޒިޔާއާއިއެކު ހަމްޒާ ހަދާފައިވާ އެއްބަސްވުން އައުނުކުރާކަން އަދި އޭނާ އެ ކުލަބު ދޫކޮށްލަން ނިންމާފައިވާކަން މާޒިޔާއިން ހާމަކުރީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ހަމްޒާ ވިކްޓްރީއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް މިދިޔަ އޭޕްރިލް މަހުވެސް ފެތުރިފައިވެއެވެ. އެއީ އޭނާ މާޒިޔާ ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކުރުމާ ގުޅިގެންނެވެ.
ވިކްޓްރީއާ ގުޅެން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށް ހަމްޒާ ބުނީ، ކުރިއަށް އޮތް ސީޒަނުގައި އޭނާ ފެނިގެންދާނީ ވިކްޓްރީގެ ޖާޒީގައިކަން ވަރަށް އުފަލާއެކު ހިއްސާކުރާ ކަމަށެވެ.
މިއީ އޭނާގެ ކެރިއަރުގައި ކުޅޭ ތިންވަނަ ޓީމުކަން ފާހަގަކޮށް ހަމްޒާ ބުނީ، ކެރިއަރުގެ މި އައު ޞަފްޙާއާ ކުރިމަތިލާން އޭނާ ހުރީ ކެތްމަދުވެފައި ކަމަށެވެ. އަދި ލިބުނު މި ފުރުސަތާމެދު ނުހަނު އުފާކޮށް، ޝުކުރުވެރިވާކަމަށް ހަމްޒާ ބުނެފައިވެއެވެ.
މީގެއިތުރުން، ވިކްޓްރީއާއެކު ކުރިއަށް އޮތް ސީޒަނުގައި ކާމިޔާބީ ހޯދަން ވަރަށް މަސައްކަތްކުރާނެ ކަމަށް ހަމްޒާގެ ޕޯސްޓު ނިންމާލަމުން ބުނެފައިވެއެވެ.
އުމުރުން 31 އަހަރުގެ ހަމްޒާ ވިކްޓްރީއާ ގުޅިފައިވާއިރު އޭނާ ވަނީ މާޒިޔާގެ އިތުރުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށްވެސް ކުޅެފައެވެ.
ވިކްޓްރީއާއެކު ހަމްޒާ އެއްބަސްވުން އެކުލަވާލިއިރު އޭނާ މިވަގުތު ހުރީ ލިބުނު އަނިޔާއަކާ ގުޅިގެން އޮޕަރޭޝަންކޮށް ރިކަވަރީގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭވަރު ވާނީ އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.
ނިއުގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު އެންމެ ފުރަތަމަ ޕްރެކްޓިހަށް ނުކުތީ މާޒިޔާ އަށެވެ. އެހެންނަމަވެސް އެ ޓީމާ އެކު އެއްބަސްވުމެއް ނުހެދިގެން އުޅެނިކޮށް އޭނާ ސޮއިކުރީ ނިއު އަށެވެ.