ރާއްޖޭގެ އެންމެ އުއްމީދީ އެއް ފުޓުބޯޅަ ކުޅުންތެރިޔާ ކަމުގައިވާ އީތަން އިބްރާޙީމް ޒަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ސީނިއަރ ޓީމަށް ސޮއިކޮށްފިއެވެ.
އުމުރުން 17 އަހަރުގެ ޒުވާން ތަރި ނިއުއާއިއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ޙާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އީތަންގެ އިތުރުން، ކުރިއަށް އޮތް ސީޒަނުގައި ނިއުގެ ޖާޒީގައި ފެންނާނެ ކުޅުންތެރިން އެއްބަސްވުމުގައި ސޮއިކުރުންވެސް އޮތެވެ.
މިފަހުން ނިމުނު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް މުބާރާތުގައި، ނިއުރޭޑިއަންޓުގެ ޒުވާން ޓީމުގެ ކެޕްޓަނެއްގެ ގޮތުގައިވެސް އީތަން ފެނިގެންދިޔައެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދީ ނިއުރޭޑިއަންޓެވެ.
ފާއިތުވީ ދެ ސީޒަނުގައި އީތަން ފެނިގެންދިޔައީ ކްލަބް ވެލެންސިއާ އިންނެވެ. އަދި ފާއިތުވީ ސީޒަނުގައި ވެލެންސިއާގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީވެސް އީތަންއެވެ.
ޒުވާން ޤައުމީ ޓީމުގެ ވެސް މުހިންމު ހިއްސާއެއްގެ ގޮތުގައި ނިސްބަތްކުރެވޭ އީތަން ވަނީ، ސީނިއަރ ޤައުމީ ޓީމަށް ވެސް ކުޅެދީފައެވެ. އެގޮތުން މިދިޔަ އަހަރު، އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ރާއްޖެއިން ޓިމޯ ލެސްޓޭއާ ދެކޮޅަށް، އޮސްޓްރޭލިއާގައި ކުޅުނު މެޗުގައި ޤައުމީ ޖާޒީގައި އީތަން ވަނީ ކުޅެފައެވެ.
އުމުރުން މިހާތު 17 އަހަރު ފުރިފައިވާ އީތަން ވަނީ، 2023 ވަނަ އަހަރުގެ ތެރޭގައި ސްޕެއިންގެ ކުލަބަކަށް ވެސް ކުޅެފައެވެ.
މީގެއިތުރުން އީތަން އަކީ، ރާއްޖޭގެ ޓޮޕް ޑިވިޝަނުގައި، ވާދަވެރި މެޗެއްގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ވެސް ހޯދާފައިވާ ކުޅުންތެރިއެކެވެ. 2023 ވަނަ އަހަރުގެ ތެރޭގައި ދިވެހި ލީގުގައި އީތަން ވަނީ ވެލެންސިއާގެ ޖާޒީގައި ނުކުމެ، ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ލަނޑުޖަހާފައެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އުމުރުން 14 އަހަރާއި ނުވަ މަހާއި ދެ ދުވަހުންނެވެ.