ބަރުދަން ލުއިކުރުމަށް ސައްޙަނޫން މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑިއޭއިން އިލްތިމާސްކޮށްފިއެވެ.
އެ އޮތޯރިޓީން ވިދާޅުވީ ބަލިބައްޔަށް ފަރުވާއެއް ނުވަތަ ހަށިގަނޑަށް ބަދަލެއް ގެނެސްދޭކަމަށް ދޭހަވާގޮތަށް ރާއްޖޭގައި ކާބޯތަކެތި މާކެޓުކުރާކަން ފާހަގަކުރެވިފައިިވާ ކަމަށެވެ. އެގޮތުން ބަރުދަން ލުއިކުރުމަށާއި އެކި ބަލިބަލީގެ ފަރުވާއެއް ކަމަށް ބުނެ ގިނަ އުފެއްދުންތަކެއް މާކެޓުކޮށް، އެތަކެތި ބޭނުންކުރުމަށް ހިތްވަރުދީ، އެއާ ގުޅޭ މަޢުލޫމާތުތައް އެކި މަންސަތަކުގައި ދައުރުކުރަމުންދާކަމަށް ވިދާޅުވިއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ ސައިންޓިފިކް ދިރާސާއެއްގެ މައްޗަށް ބިނާނުކޮށް ސާބިތުނުހިފޭ މަޢުލޫމާތު ހިމެނޭގޮތަށް ކާބޯތަކެތި މާކެޓުކުރުމަކީ އެ ބޭނުންކުރާ ފަރާތަށް މަޢުލޫމާތު އޮޅި ޞިއްޙަތަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތުއޮތް ކަމެއް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނާއި، މާބަނޑުމީހުން އަދި ގާތުންކިރުދޭ މައިންނަށް މީގެ ނޭދެވޭ އަސަރުކުރުމުގެ ފުރުޞަތު ބޮޑުކަންވެސް އެ އޮތޯރިޓީން ފާހަގަކުރައްވައެވެ.
ކާބޯތަކެތީގެ އުފެއްދުމެއް ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މަޢުލޫމާތު އެކި މަންސަތަކުގައި ޝާއިޢުކޮށް ދައުރުކުރުމަކީ އެމްއެފްޑީއޭގެ ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އިޝްތިހާރުކުރުން ކަމުގައި ބެލެވޭނެ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އެގޮތުން، ޞިއްޙަތަށް ވަކި ފައިދާއެއް ކުރާނެކަމަށް ނުވަތަ އެކިއެކި ބަލިބަލީގެ ފަރުވާއަށް
ރަނގަޅުވާނެކަމަށް ދޭހަވާގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަކީ މަނާކަމެއްކަން ފާހަގަކުރެއްވިއެވެ.
ކާބޯތަކެއްޗަކ،ީ ވަކި ފެންވަރެއްގެ ނުވަތަ ވަކި ޚާއްސަ ސިފައެއްގެ އެއްޗެއްކަމަށް ދޭހަވާގޮތަށް ޙަޤީޤަތާ ޚިލާފަށް ނުވަތަ ޙަޤީޤަތް އޮޅޭނެ ފަދަ ގޮތަކަށް އިޝްތިހާރު ކުރުމަކީވެސް މި ގަވާއިދު ގެ ދަށުން މަނާކަމެއްކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އެހެންވެ، ކާބޯތަކެތި އިޝްތިހާރުކުރުމާބެހޭ ގަވާއިދާ އެއްގޮތަށް ކާބޯތަކެތި އިޝްތިހާރުކުރުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
މީގެ އިތުރުން ސާބިތުނުހިފޭ މައުލޫމާތު ހިމެނޭ ކާބޯތަކެތި ބޭނުންކުރުމުގެ ބަދަލުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް މިންހެޔޮކޮށް ކެއުމާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކުރުމާއި، އާދަވެ ކަސްރަތުކުރުމަށްވެސް އެމްއެފްޑީއޭއިން އިލްތިމާސްކުރެއްވިއެވެ.