ޚަބަރު

ވޯލްޑް ކަޕުން އާޖެންޓީނާ ބޭރުކުރަން، ޕެޓިޝަންގައި 23މިލިޔަން ސޮއި


  • ޕެޓިޝަންގެ ސޮއިގެ އަދަދު ވޯލްޑް ރެކޯޑަކާ ގާތްކުރޭ

ފީފާ ވޯލްޑް ކަޕުގެ ކުރިއަށް ހުރި މުބާރާތްތަކުން އާޖެންޓީނާއަށް ފުރުސަތު ނުދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ޕެޓިޝަނުގައި 23މިލިއަނަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

އާޖެންޓީނާއައުޓް.ކޮމް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދާ މި ޕެޓިޝަނަކީ، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އާޖެންޓީނާއަށް ނާއިންސާފުން، އުސޫލުން ބޭރުން ނުހައްގު ފައިދާތަކެއް ހޯދައިދީފައިވާ ކަމަށާއި، އެ ޓީމުން މުބާރާތުގައި ކުޅުނު މެޗުތަކުގައި ރެފްރީންގެ ފަރާތުން އިންސާފުން ބޭރުން ކަންކުރިކަމަށް ބުނެ ފެށި ޕެޓިޝަނެކެވެ.

މުބާރާތުގައި އާޖެންޓީނާ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކަކީ އެހެން ޓީމުތަކުން ކުޅެންޖެހުނު މެޗުތަކާ އަޅާ ބަލާއިރު ފަސޭހަ މެޗުތަކެއް ކަމަށާއި، އެއީ ފީފާއިން އާޖެންޓީނާއަށް އުސޫލުން ބޭރުން ހޯދައިދިން ފައިދާއެއްކަމަށް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ. އެ ތުހުމަތުތަކާއެކު އާޖެންޓީނާއާ ދެކޮޅަށް ފެށި މި ޕެޓިޝަނަށް ބާރު ލިބި، ގިނަބައެއްގެ ސަމާލުކަމަށް މި ޕެޓިޝަން އައީ އާޖެންޓީނާއިން ރައުންޑް އޮފް 32ގައި ކޭޕް ވާޑޭއާއި ދެކޮޅަށް ކުޅުނު މެޗުގައި އަދި ރައުންޑް އޮފް 16ގައި މިޞްރާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެންނެވެ.

ޙާއްސަ ގޮތެއްގައި މިޞްރު މެޗުގައި، ރެފްރީގެ ނިންމުންތައް ހުރީ އާޖެންޓީނާ ބަލިވިޔަ ނުދީ ސަލާމަތްކުރުމަށް ކަމަށާއި، މިޞްރުން މެޗުގައި ޖެހި ލަނޑެއް ބަލައިނުގަންނަން ނިންމީވެސް އެމަގުން ކަންކުރުމަށްކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ.

މި ޕެޓިޝަން ފެށިއިރު ޕެޓިޝަންގެ ކަންކަން އިންތިޒާމްކުރި ފަރާތްތަކުގެ އަމާޒަކަށްވީ 5މިލިއަން ސޮއި ހޯދުމެވެ. އެހެންނަމަވެސް ވޯލްޑް ކަޕްގެ ފައިނަލް މެޗަށްފަހު މި ޕެޓިޝަންގައި ސޮއިކުރުން މިހާރު ބަންދުކޮށްފައިވާއިރު، މިހާތަނަށް 23,316,108 މީހުން އޮންލައިންކޮށް މި ޕެޓިޝަނުގައި ސޮއިކޮށްފައިވާކަމަށް، ޕެޓިޝަންގެ ކަންކަން އިންތިޒާމުކުރި ފަރާތްތަކުން ބުނެއެވެ.

މިއީ ތާރީޚުގައި ވެސް ދެވަނައަށް އެންމެ ގިނަ ބަޔަކު ސޮއިކުރި ޕެޓިޝަނަށް މިވަނީ ވެފައެވެ. އެންމެ ގިނަ ބަޔަކު ސޮއިކޮށް ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ޕެޓިޝަނުގައި ސޮއިކޮށްފައި ވަނީ 24,319,181 މީހުންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި 23މިލިއަނަށްވުރެ ގިނަ މީހުން މި ޕެޓިޝަނުގައި ސޮއިކުރި ނަމަވެސް މިއީ އެއްވެސް ރަސްމީ ހައިސިއްޔަތެއް ލިބިފައިވާ ނުވަތަ ފީފާއަށް އާޖެންޓީނާ ވޯލްޑް ކަޕުން "ބޭރުކުރަން" މަޖުބޫރުކުރުވާނެ ޕެޓިޝަނެއް ނޫނެނެވެ.

ކަން މިހެން އޮތް ނަމަވެސް، ފީފާއިން އަންނަނީ، ވޯލްޑް ކަޕުގެ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ކުޅެ އާޖެންޓީނާ ބަލިވި މެޗަށްފަހު އާޖެންޓީނާގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅިވަރުގެ ރޫހާ ޚިލާފު ކަންކަން ތަހުގީގު ކުރަމުންނެވެ.

މެޗަށްފަހު އާޖެންޓީނާގެ ނަހުއެލް މޮލީނާ އާއި ލިއާންދްރޯ ޕަރެޑޭޒް އަދި ކޯޗިން ޓީމުގެ ބައެއް މެމްބަރުން ވަނީ ދަނޑުމަތީގައި ސްޕެއިންގެ ކުޅުންތެރިންނަށް ހަމަލާދީ މާރާމާރީ ހިންގާފައެވެ.