ޚަބަރު

އިނގިރޭސި ރެކޯޑް ފީއަކަށް މޯގަން ރޮޖާސް ޗެލްސީ އަށް


އެސްޓަން ވިލާގެ ފޯވަޑް މޯގަން ރޮޖަރސް އިނގިރޭސިވިލާތުގެ ރެކޯޑް ފީ އަކަށް ޗެލްސީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ރޮޖަރސް ޗެލްސީ އަށް ބަދަލުވެފައިވަނީ 116 މިލިއަން ޕައުންޑްގެ ފީ އަކަށް ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މީގެ ކުރިން އިނގިރޭސިވިލާތުގެ ރެކޯޑް ޓްރާންސްފަރ ފީ އަކީ 117 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީ އިން ގަތް އެލިއޮޓް އެންޑަރސަން އެވެ.

ޗެލްސީ އިން މީގެ ކުރިން ގަނެފައިވާ އެންމެ އަގުބޮޑު ކުޅުންތެރިއަކީ 2023 ވަނަ އަހަރު 115 މިލިއަން ޕައުންޑަށް ބްރައިޓަން އިން ގަތް އެކުއެޑޯގެ މިޑްފީލްޑަރ މޯސެސް ކައިސޭޑޯ އެވެ.

ނިމިގެންދިޔަ ވޯލްޑްކަޕްގެ ތިންވަނަ މަގާމް ހޯދި އިންގްލެންޑްގެ ސްކޮޑުގައި ހިމެނުނު ރޮޖަރސް އެނބުރި ގައުމަށް އައިސް އޭނާ ވަނީ ޗެލްސީގެ މެޑިކަލް ހެދުމަށްފަހު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

މީޑިޔާ ރިޕޯޓްތައް ކުރިން ބުނެފައިވާ ގޮތުގައި ރޮޖަރސް ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި ކުރިން އޮތީ އާސެނަލް އެވެ. ނަމަވެސް ފަހު ވަގުތު ޗެލްސީ އިން ވަނީ އޭނާގެ ސޮއި ހޯދާފަ އެވެ.

ޗެލްސީ އަށް ސޮއި ކުރުމަށްފަހު މޯޖަން ރޮޖަރސް ބުނެފައިވަނީ މިއީ އޭނާއަށް މި ވަގުތަށް އެންމެ ރަގަޅު ގޮތް ކަމަށެވެ.

"ޗެލްސީގެ ޕްރޮޖެކްޓަކީ އަހަރެންވެސް ބޭނުންވާފަދަ ފްރޮޖެކްޓެއް އަދި ލަންޑަނުގެ އެންމެ ބޮޑު ކްލަބާއި ގުޅުމުން ވަނީ އިތުރު އުފަލެއް ލިބިފައި." ރޮޖަރސް ބުންޏެވެ.