ޚަބަރު

އެމްއެންޔޫ މަހާސަމާ ލަރނިންގ ފެސްޓިވަލަށް ބޮޑު ތަރުހީބެއް


  • މިހަރަކާތުގައި ބައިވެރިވާން 300އަށް ވުރެ ގިނަ ކުދިން އެދިފައިވޭ

  • ކުރިޔަށްދާނީ މިހަފްތާ ބުރާސްފަތި ދުވަހުގެ ނިޔަލަށް

  • މިހަރަކާތް ހިންގަނީ މުޅިން ހިލޭ

ކިޔަވައިދޭ މާހައުލުން ބޭރުގައި، ކުދިންގެ ކިބައިގައި ހުރި ފަންނީ ހުނަރުތައް ތަރައްގީކޮށް، މުޖުތަމައަށް ފައިދާހުރި ޖީލެއް ބިނާކުރުމަށް ޤައުމީ ޔުނިވަރސިޓީން އަލަށްފެށި މަހާސަމާ ލަރނިންގ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ.

ސުކޫލް ބަންދާ ދިމާކޮށް "އުނގެނުމާއި އައު ހޯދުންތަކާއި، އުފާވެރިކަމުގެ ތެރެއިން ޒުވާން ޖީލަށް އާރޯކަން" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ފެސްޓިވަލަކީ، މުޅިން ހިލޭ އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ހަރަކާތެެކެވެ.

މިދިޔަ އާދިއްތަ ދުވަހު ފެށި މި ހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ކުދިން ޝައުގުވެރިކަން ފާޅުކުރިނަމަވެސް މިފަހަރު މިހަރަކާތް ބާއްވަނީ ހަމައެކަނި މާލޭގައި ކަމަށްވުމުން ފުރުސަތުދެވިފައިވަނީ 300 އެއްހާ ކުދިންނަށެވެ.

މިހަރަކާތުގެ ތެރެއިން އެމްއެންޔޫގެ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންް މެދުވެރިކޮށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދާނެކަމަށާ މި ސެޝަންތައް ބައްޓަންކޮށްފައިވަނީ ދަރިވަރުން އަމަލީ ގޮތުން ކަންކަން ހޯދައި ބެލުމާއި، އުފެއްދުންތެރި، ވިސްނުން އިސްކުރުމުގެ މައްޗަށްކަމަށް ޤައުމީ ޔުނިވާސީޓީން ވިދާޅުވިއެވެ. އަދި މީގެ ސަބަބުން، އުނގެނުމަކީ ޝައުގުވެރި އަދި ދިރިއުޅުމުގެ އަމަލީ މައިދާނާ ގުޅުންހުރި މުހިންމުކަމެއްކަން އަނގައިދެވޭނެކަމަށް އެ ޔުނިވާސީޓީން ވިދާޅުވިއެވެ.

5 ދުވަހަށް ކުރިއަށްގެންދާ މި ފެސްޓިވަލުގައި 8 ދާއިރާއަކުން، ސެޝަންތައް ކުރިއަށްދެއެވެ.

ފެސްޓިވަލުގައި ހިމެނޭ 8 ދާއިރާ

  • އެކްޝަން އިން ސްޓޯރީޓެލިންގ
  • ވާހަކައިގެ ދުނިޔެ
  • އިސްލާމީ އަޚުލާގާއި އަދަބުތައް
  • ހިސާބު އިލްމު
  • ނަފުސާނީ ދުޅަހެޔޮކަން
  • ކިޔެވުމުގެ ހުނަރުތައް ތަރައްޤީކުރުން އަދި ވަގުތުގެ ބޭނުންހިފުން
  • ރޮބޮޓިކްސްއާއެކު އައު އީޖާދުތައް
  • ސައިންސްގެ ހޯދުންތައް

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ މިމަހާސަމާގައި އުނގެނުމަށް ގެންގުޅެންވީ އުކުޅުތަކާއި ޝއުގުވެރިކުރުވާނެފަދަ އެތައް ކަންތައްތަކެއް ދަސްކޮށްދެވޭނެކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ އުނގެނުމަކީ އުފާވެރ،ި ހިތްވަރު ލިބިދޭ އަދި ކޮންމެ މީހަކަށްމެ ފަސޭހައިން ލިބެންޖެހޭ
ކަމަކަށްވުން. ސްކޫލް ބަންދަކީ ކުދިންނަށް އައު ކަންކަން ތަޖުރިބާކޮށް، އަމަލީ ހުނަރުތައް ތަރައްގީކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް. މިމަހާސަމާގެ ސަބަބުން ކުދިންގެ ކިބައިގައި ހުންނަ ފިކުރީ ޝައުގުވެރިކަން އާލާވެ، މީގެ ކުރިން ވިސްނާފައި ނުވާފަދަ ދާއިރާތަކަށް ލޯ ހުޅުވިގެންދާނެ ކަމަށް އުންމީދުކުރަން" ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވިއެވެ.

ސްކޫލް ބަންދު ދުވަސްވަރު ދަރިވަރުންނަށް އަމަލީ ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ، މާނަހުރި އުނގެނުމުގެ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ މި މަހާސަމާއަކީ މުޖުތަމައަށް ޚިދުމަތްކުރުމަށް އެމްއެންޔޫން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެޔުނިވަރސިޓީން ވިދާޅުވިއެވެ.

މި ފެސްޓިވަލަކީ 9 އަހަރާއި 12 އަހަރާ ދެމެދު، 13 އަހަރާއި 15 އަހަރާ ދެމެދު، އަދި 16 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރު ފުރާގެ ކުދިންނަށް ކުރިޔަށްގެންދާ މި ފެސްޓިވަލުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި އުނގެނުމަށް، އޮންނަ ލޯބި އިތުރުވެ އަމިއްލަ ނަފްސަށް އޮންނަ، އިތުބާރު ބޮޑުވެ ކްރިޓިކަލް ތިންކިންގެ ނަޒަރިއްޔާއިން މައްސަލަ ހައްލުކުރުމުގެ ގާބިލުކަމާއި ސައިންޓިފިކް ވިސްނުން ފަދަ މުހިންމު، ދިރިއުޅުމުގެ ހުނަރުތައް މިހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް، އުނގަންނައިދޭނެކަމަށް އެ ޔުނިވާސިތީން މައުލޫމާތުދެއެވެ.