ތަފާތު އެކި ސަބަބުތަކާހުރެ ނުބޭއްވި ލަސްވަމުންދާ ސައުތު އޭޝިއާ ސަރަހައްދުގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް، އަންނަ ނޮވެމްބަރު މަހުގެ ކުރީކޮޅު ފަށަން ތާވަލުކޮށްފިއެވެ.
ބަންގްލަދޭޝްގައި ބާއްވާ މި މުބާރާތަކީ ސާފްގެ ޗެމްޕިއަންޝިޕުގެ 15 ވަނަ އެޑިޝަނެވެ.
ސާފް އިން ކުރި އިއުލާނެއްގައި ބުނީ، މިފަހަރުގެ މުބާރާތް ބާއްވާނެ ތާރީޚާއި ޤައުމު މުޅިން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ ޑާކާގައި މި މުބާރާތް ކުރިއަށްދާނީ ނޮވެމްބަރު 4 އިން 17އަށް ކަމަށް ސާފް އިން ވަނީ ބުނެފައެވެ.
ސާފް އިން ބުނީ، މި މުބާރާތުގައި ސާފްގެ މެމްބަރު ހުރިހާ ގައުމަކުން ވެސް ބައިވެރިވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ. މިއީ ސަރަހައްދީ އެންމެ ހައިބަތުބޮޑު މުބާރާތް ކަމާއި މިއީ މި ސަރަހައްދުގެ ގައުމުތަކުން އެންމެ ބޮޑަށް އިންތިޒާރުކުރާ މުބާރާތްކަމަށް ގަބޫލުކުރާކަމަށްވެސް ސާފް އިން ބުނެފައިވެއެވެ.
މިފަހަރުގެ މުބާރާތުގެ ލޯގޯ އިފްތިތާހުކުރުމަށް މި މަހުގެ 25 ވަނަ ދުވަހު ޙާއްސަ ހަފްލާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޙަފްލާ ޑާކާގައި ބާއްވާއިރު މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު، ބޫޓާނުގެ ތިމްފޫގައެވެ.
މި ފަހަރުގެ މުބާރާތް ބަންގްލަދޭޝްއިން ހޯސްޓު ކުރާއިރު، އެންމެފަހުން އެ ގައުމުގައި މި މުބާރާތް ބާއްވާފައި ވަނީ 2018 ވަނަ އަހަރުއެވެ. އެ ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ދިވެހިރާއްޖެއިންނެވެ. އެއީ ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.
ރާއްޖެއިން ވެސް ވަނީ މި މުބާރާތް ދެ ފަހަރަށް ހޯސްޓު ކޮށްފައެވެ. އެގޮތުން ރާއްޖެއިން ފުރަތަމަ މި މުބާރާތް ބޭއްވީ 2008 ވަނަ އަހަރު، ސްރީލަންކާއާ ގުޅިގެންނެވެ. ދެ ގައުމުގައިވެސް އެ ފަހަރު މުބާރާތުގެ މެޗުތައް ކުޅެފައިވެއެވެ. އެފަހުން 2021 ވަނަ އަހަރުގެ މުބާރާތުގައި ރާއްޖެއިން މުބާރާތް ހޯސްޓުކުރީ އެކަންޏެވެ.
އެންމެފަހުން މި މުބާރާތް ބޭއްވީ އިންޑިއާގައެވެ. 2023 ވަނަ އަހަރު ބޭއްވި އެ މުބާރާތުގައި، މި ސަރަހައްދުގެ ގައުމުތަކުގެ އިތުރުން، ކުވެއިތާއި ލުބުނާން ބައިވެރިވެފައިވެއެވެ. އެފަހަރުގެ މުބާރާތުގައި ސަސްޕެންޝަނަކާ ގުޅިގެން ސްރީލަންކާއަށް ބައިވެރިއެއް ނުވެވުނެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާއިންނެވެ. އިންޑިއާ އަކީ ސާފް ޗެމްޕިއަންޝިޕުގެ އެންމެ ކާމިޔާބު ޓީމެވެ.