ޤާނޫނީ ދާއިރާގެ ޑިގްރީ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމަށް، ކޯސްތަކުގެ އިމްތިހާނުތަކަކީ ހާޒިރުވެގެން ހަދަންޖެހޭ އިމްތިހާނެއް ކަމަށް ބާ ކައުންސިލުން ކަނޑައަޅައިފިއެވެ.
މި ނިންމުމަކީ، އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ފަސްވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ ނިންމުމެކެވެ.
ބާ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، 1 އޮގަސްޓް 2026 އިން ފެށިގެން ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ ހުރިހާ ޤާނޫނީ ޑިގްރީ ޕްރޮގްރާމްތަކެއްގެ އިމްތިހާނުތައް ކުރިއަށް ގެންދާނީ ހާޒިރުވެގެންނެވެ. މީގެ ތެރޭގައި އެ ތާރީޚުގެ ކުރިން އެކްރެޑިޓް ކޮށްފައިވާ ޕްރޮގްރާމްތައްވެސް ހިމެނެއެވެ.
"ހާޒިރުވެގެން" ކަމަށް ބާ ކައުންސިލުން މާނަކޮށްފައިވަނީ، އިމްތިހާނު ހަދާ ފަރާތްތަކާއި އިންވިޖިލޭޓަރުން އެއް މާހައުލެއްގައި ތިބެގެން، ކަނޑައެޅިފައިވާ ވަގުތެއްގައި އަދި ބާ ކައުންސިލުގެ އުސޫލުތަކާ އެއްގޮތަށް ބެލެހެއްޓިގެން ކުރިއަށްގެންދާ އިމްތިހާނުތަކަށެވެ. މީގެކުރިން މި އިމްތިހާނުތައް އޮންލައިންކޮށްވެސް ހެދެއެވެ.
މީގެ އިތުރުން، މި އިސްލާޙުގެ ދަށުން ޤާނޫނީ ދާއިރާގެ ކޯސްތަކަށް ވަނުމަށް ފުރިހަމަވާންޖެހޭ ޝަރުތުތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކޯހަށް ވަނުމަށް ބޭނުންވާ އިނގިރޭސި ބަހުގެ ފެންވަރު ބެލުމަށް، އައިއެލްޓީއެސްއިން 6.0 އިން މަތީގެ ސްކޯއެއް ނުވަތަ ޓޯފުލް އިން 4 އަށްވުރެ މަތީގެ ސްކޯއެއް ހޯދަން ޖެހެއެވެ. އަދި އެމްކިއުއޭ ޤަބޫލުކުރާ ފައުންޑޭޝަން ޕްރޮގްރާމެއްގެ އިނގިރޭސި މޮޑިއުލްތަކުން ސީ ފާހަށްވުރެ މަތީ ނަތީޖާއެއް ހޯދާފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ބާ ކައުންސިލުން ގެނައި މި ބަދަލުތަކަކީ، ރާއްޖޭގައި ޤާނޫނީ ތައުލީމު ދޭ މަރުކަޒުތަކުން އަމަލުކުރަންޖެހޭ އެންމެ ދަށް މިންގަނޑުތައް ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ޤާނޫނީ ދާއިރާއަށް ވަންނަ ދަރިވަރުންގެ ފެންވަރު ރަނގަޅުވެ، ބައިނަލްއަޤުވާމީ މިންގަނޑުތަކަށްވެސް ފެތޭނެ ކަމަށް ބާ ކައުންސިލުން ބުނެއެވެ.