ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހަފުތާއެއްގެ ތެރޭގައި ގެއްލުނު ފައިސާގެ ތެރެއިން 826،000 އަށްވުރެ ގިނަ ރުފިޔާ ދިވެހި ފުލުހުންގެ ޚިދުމަތުން އަނބުރާ ހޯދައިދީފިއެވެ.
ފުލުހުން އަންނަނީ، އެކިއެކި މައްސަލަތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރުމުގެ ގޮތުން ސޯޝަލް މީޑިއާގައި ތަފާސްހިސާބުތައް ހިއްސާ ކުރައްވަމުންނެވެ. އެގޮތުން މި މަހުގެ 5 އިން 11 އަށް ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތަފާސްހިސާބުތައް އެ ޚިދުމަތުން ވަނީ އާންމުކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރައްވާފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ 5 އިން 11 އަށް މާލެ ސަރަހައްދުގައި ހިނގި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ޖުމްލަ 838،434 ރުފިޔާ ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ހިމެނެނީ، އެއަރޕޯޓު އަދި ޓޫރިސްޓް ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 26،335 ރުފިޔާއާއި، ހެންވޭރު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތުގައި ހިމެނޭ 200،578 ރުފިޔާއާއި، ގަލޮޅު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 203،968 ރުފިޔާގެ އިތުރުން މާފަންނު ފުލުހަށް ހުށަހަޅާފައިވާ މައްސަލަތަކުގައި ހިމެނޭ 407،553 ރުފިޔާއެވެ.
މި މައްސަލަތައް ތަޙުޤީޤު ކުރުމަށްފަހު ގެއްލިފައިވާ ފައިސާގެ ތެރެއިން %98 އަށްވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ އަނބުރާ ހޯދާފައެވެ. އެއީ، ޖުމްލަ 826،730 ރުފިޔާއެވެ.
Between 5-11 July 2026, the estimated loss reported in theft and robbery cases across Malé Police was MVR 838,434. During the same period, our officers successfully recovered MVR 826,730, representing more than 98% of the reported estimated losses.
— Maldives Police (@PoliceMv) July 19, 2026
This reflects the dedication… pic.twitter.com/a2Kwrawnwv
ފުލުހުން ހޯދާފައިވާ ފައިސާގެ ތެރޭގައި ހިމެނެނީ، އެއަރޕޯޓު އަދި ޓޫރިސްޓް ފުލުހުން ހޯދާފައިވާ 26،335 ރުފިޔާއާއި، ހެންވޭރު ފުލުހުން ހޯދި 175،250 ރުފިޔާއާއި ގަލޮޅު ފުލުހުން ހޯދި 225،215 ރުފިޔާއާއި، މާފަންނު ފުލުހުން ހޯދި 396،888 ރުފިޔާގެ އިތުރުން ވިލިމާލެ ފުލުހުން ހޯދި 3،042 ރުފިޔާއެވެ.
ފުލުހުން ވިދާޅުވީ، ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ވީހާވެސް އަވަހަށް ހޯދައި އެފައިސާގެ ވެރިފަރާތްތަކާއި ހަވާލުކުރުމަށް އެ ޚިދުމަތުގެ އޮފިސަރުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ޤައުމުގެ އަމާންކަން ދެމެހެއްޓުމަށް މިފަދަ ކުށްތައް ހުއްޓުވައި، ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންވެސް އެ ޚިދުމަތުން އަރުވައެވެ.