ދިވެހީން، ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭއެއް ހަދަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނިންމައިފިއެވެ.
އެމްއެމްއޭއިން ވިދާޅުވީ، މި ސަރވޭ ކުރިއަށްގެންދަނީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށެވެ.
މި މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު، އެނބުރި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ސަރވޭއެއް ހިންގާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. މި ސަރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 25 އިން 31 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައެވެ.
އެމްއެމްއޭއިން ވިދާޅުވީ، މި ސަރވޭގައި މައިގަނޑުގޮތެއްގައި ނަގާ މައުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤުސަދުތަކާއި ދަތުރުކުރި ޤައުމާއި، ޓިކެޓުގެ ޚަރަދާއި ހުރުމުގެ ޚަރަދުގެ އިތުރުން ބޭސްފަރުވާއަށް ކުރި ޚަރަދާއި ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރި ޚަރަދުގެ މައުލޫމާތު ނެގޭނެ ކަމަށެވެ. މި މައުލޫމާތު ނެގި ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި، އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ސަރވޭގައި އެއް ނުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރވޭގައި ނަގާ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެ ކަމުގެ ޔަގީންކަންވެސް އެމްއެމްއޭއިން އަރުވައެވެ.
އެމްއެމްއޭއިން ވިދާޅުވީ، ސަރވޭގެ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ސަރވޭއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެ ކަމަށެވެ. އެހެންކަމުން ސަރވޭ ކުރިއަށްދާ މުއްދަތުގައި ރާއްޖެއިން ބޭރަށް ދިއުމަށްފަހު އަނބުރާ އަންނަ ދިވެހީންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް އެ އޮތޯރިޓީން ވަނީ އެދިލައްވަފާއެވެ.