ޚަބަރު

19 އަހަރު ކުރީގެ މިފޮޓޯއާ ގުޅިފައިވާ އެތައް ވާހަކަތައް


  • މިއީ 2007 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް

  • 19 އަހަރު ފަހުން ފައިނަލުގައި މިދެކުޅުންތެރިންގެ ކުރިމަތިލުމެއް

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުޅޭ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗާ ވަގުތު ކުޑަތަންވަމުން އަންނަ މި ދަނޑިވަޅުގައި، މި މެޗާ ގުޅުންހުރި ވަރަށް ތާރީޚީ ޙާއްސަ ފޮޓޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެހެންނަމަވެސް މިއީ އަސްލު ފޮޓޯއެއްތޯ، ނުވަތަ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އުފައްދާފައިވާ ފޭކު ފޮޓޯއެއްތޯވެސް ބަހުސްތަކެއް ދިޔައީ ކުރެވެމުންނެވެ.

މީގެ މަސްތަކެއް ކުރިންވެސް މި ފޮޓޯ ދިޔައީ ދައުރުވަމުންނެވެ. އޭރުވެސް ބައެއް ފަރާތްތަކަށް ގަބޫލުކުރެވުނީ މިއީ އޭއައި ފޮޓޯއެއް ކަމަށެވެ. އެހެންކަމުން މާގިނަ ބަޔަކު މި ފޮޓޯއަށް މާބޮޑު ސަމާލުކަމެއްވެސް ނުދެއެވެ.

ކަން މިހެން އޮއްވައި، މި ފޮޓޯ ނެގި މަޤްސަދު އެ ފަރާތަކަށް ނިސްބަތްވާ ޔުނިސެފުން މިވަނީ މި ފޮޓޯގެ ސައްޙަކަން ކަށަވަރުކޮށްދީ، ފޮޓޯ ނެގި ސަބަބު ހާމަކޮށްދީފައެވެ.

މި ދައްކަނީ ދުނިޔެ ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާއި، އަދުގެ ފުޓުބޯޅައިގެ މުސްތަޤްބަލުގައި އެ ކުޅުންތެރިޔާގެ ދައުރު ވަރަށް ބޮޑުވާނެކަމަށް ގިނަބަޔަކު ގަބޫލުކުރާ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް އެކުގައި ނަގާފައިވާ ފޮޓޯއެއްގެ ވާހަކައެވެ.

މީގެ 19 އަހަރު ކުރީގެ ތާރީޚީ ފޮޓޯއެއްގެ ވާހަކައެވެ. 2007 ވަނަ އަހަރު ނަގާފައިވާ އެ ފޮޓޯއިން ފެންނަނީ އެންމެ ފަސް މަހުގެ ޔަމާލް، ބޭބީ ބާތު ޓަބެއްގައި ބާއްވައި، އޭރު އުމުރުން އެންމެ 20 އަހަރުގެ މެސީ، ޔަމާލް ފެންވަރުވަން އިންނަ މަންޒަރެވެ.

މީގެކުރިން މިފަދަ ކަމެއް ހިނގިކަމުގެ ހެއްކެއް ނެތްއިރު، މިއީ ހަމަ ހަގީގަތުގައިވެސް ގިނަބަޔަކަށް ހައިރާންކަން ގެނުވި ފޮޓޯއެކެވެ. ސަބަބަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި، އެންމެ ހައިބަތު ތަރިއާއި، އޭނާއަށްވުރެ 20 ވަރަކަށް އަހަރު ހަގު، އޭނާގެ މަގާމަށް ފުޓުބޯޅައިގައި ވާދަކުރަމުންދާ ޔަމާލްގެ މިފަދަ ފޮޓޯއެއް ވުޖޫދުގައި އޮތުމުންނެވެ. މި ފޮޓޯތައް ޔަމާލްގެ ބައްޕަ ފުރަތަމަ އާންމުކުރީ، ސްޕެއިނުން ޔޫރޯ 2024 ކާމިޔާބު ކުރުމާ އެކު "ދެ ލެޖެންޑުންގެ ފެށުން" މިހެން ލިޔުމަށްފަހުއެވެ.

ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ކުރިމަތިލާން މި ދެ ކުޅުންތެރިން ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި މި ފޮޓޯތަކުގެ ސައްޙަކަމާ މެދު ބައެއް ފަރާތްތަކުން އުފައްދަމުން އައި ސުވާލުތަކާއެކު ޔުނިސެފުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ ހަމަ ހަގީގަތުގައިވެސް އަސްލު ފޮޓޯއެއް ކަމަށެވެ.

މި ދެ ކުޅުންތެރިންގެ ފުރަތަމަ ބައްދަލުވުމަކީ ޔުނިސެފްގެ ފަންޑްރެއިޒިންގ އަކާ ގުޅިގެން ނެގި ފޮޓޯ ޝޫޓެއްކަން ޔުނިސެފުން ހާމަކުރިއެވެ.

ޔުނިސެފާއި، ބާސެލޯނާ އަދި ސްޕެއިނުގެ ނޫހެއް ކަމަށްވާ "ޑިއާރިއޯ ސްޕޯޓްސް" ގުޅިގެން ކުޑަކުދިންނަށް އެހީވުމަށް ފައިސާ ހޯދަން ކަލަންޑަރެއް ތައްޔާރުކުރިއިރު، މި ކަލަންޑަރުގެ ކޮންމެ މަހަކަށް ހާއްސަކޮށްފައިވަނީ ބާސެލޯނާގެ ކުޅުންތެރިޔަކު ތުއްތު ކުއްޖަކާއެކު ނަގާފައިވާ ފޮޓޯއެކެވެ.

މެސީއާއި ޔަމާލްގެ ފޮޓޯ ހިމެނެނީ 2008 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ޙާއްސަ ފޮޓޯގައެވެ.

އެ ކްލަބުގައި ވިދަމުން އަންނަ ޔަމާލް އަށް އެ ފޮޓޯގައި ބައިވެރިވާން ފުރުސަތު ލިބުނީ ޔުނިސެފުން ކުރިއަށް ގެންދިޔަ ގުރުއަތުލުމެއްގައި ނަސީބު ދިމާވުމުންނެވެ.

ފުޓުބޯޅައިގެ އެންމެ ތާރީޚީ އެއް ފޮޓޯއަށް މި ފޮޓޯ ވާނެއިރު، ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ދެ ތަރިންގެ ފުޓުބޯޅައިގެ ވިދުންގަދަ ފެށުންވެސް އައީ ސްޕެއިންގެ ބާސެލޯނާއިންނެވެ. ބާސެލޯނާގެ ކޭމްޕް ނޯގެ ޑްރެސިން ރޫމުގައި ޖެއްސި ފޮޓޯ ޝޫޓެއްގައި ފުރަތަމަ ފަހަރަށް ބައްދަލުވި މި ދެ ތަރިން ތައްޔާރު މިވަނީ އެ ދެ ތަރިންގެ ކެރިއަރުގެ އެންމެ މުހިންމު އެއް ކުރިމަތިލުމަށެވެ.

މިއީ މެސީގެ ފަހު ވޯލްޑް ކަޕަށްވާއިރު، މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން އޭނާ ގަދަ އަޅާ މަސައްކަތްކުރާނެއެވެ. މިއީ ޔަމާލް ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށްވާއިރު، މި މުބާރާތުގެ ތަށްޓާމެދު އޭނާ ކުރާ އުއްމީދުތައް ވެސް ނުހަނު ބޮޑުވާނެއެވެ.

ތާރީޚާއި ފުޓުބޯޅައިގެ ލެގަސީގައި ގުޅިލައި މެހިފައިވާ މި ދެ ތަރިންގެ ކުރިމަތިލުން ފެނިގެންދާ ފީފާ ވޯލްޑް ކަޕް 2026ގެ ފައިނަލް މެޗު ކުޅޭނީ އަންނަ އާދިއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.