ތ. ތިމަރަފުށީ ޒުވާނުންނަށް މި ސަރުކާރުން ވީ ވައުދު ފުއްދައި، އެ ރަށުގައި އައު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އެ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
ރައްޔިތުންގެ ގާތަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތިމަރަފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ވަނީ މި ދަނޑުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިޔައީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެންނެވެ.
ނުވަ މަސް ދުވަހުގެ ތެރޭގައި މި ދަނޑުގެ މަސައްކަތް އެއްކޮށް ނިންމައި ދަނޑު ހުޅުވާފައިވާއިރު، ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މި ދަނޑަކީ މި ރަށުގެ ޒުވާނުން ގިނަ ދުވަސްތަކެއްވަންދެން ދެކެމުންއައި ހުވަފެނެކެވެ. މި ހުވަފެނުގައި ހަގީގީ ކުލަ ޖެހި ދަނޑު ހުޅުވާފައިވާއިރު، ތިމަރަފުއްޓަކީ ދިވެހިރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހޯދައި، މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އުފެދިފައިވާ ރަށެކެވެ.
ސަރުކާރުން މި ރަށުގައި ޤާއިމްކުރި ފުޓްސަލް ދަނޑާއެކު މި ރަށުގެ ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވި، އިތުރު ހުނަރުވެރި ކުޅުންތެރިން އުފެދިގެންދާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.