ޚަބަރު

ސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކޮށްފި


  • ތަމްރީން ނިންމި ދަރިވަރުންނާއި ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • 255 ދަރިވަރުން ވަނީ ހުވާކޮށްފައި

ދިވެހި ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީން ކޯސް ނިންމި ދަރިވަރުން ހުވާކޮށްފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ތަމްރީން ޕްރޮގްރާމް ނިންމި ދަރިވަރުންނާ ބަޑިހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު ހަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހިމް ހިލްމީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީން ކޯސް ނިންމައި 255 ދަރިވަރުން ވަނީ ހުވާ ކުރައްވާފައެވެ. އެއީ 72ވަނަ ކޯހުގެ 138 ދަރިވަރުންނާއި 73ވަނަ ކޯހުގެ 117 ދަރިވަރުންނެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 72 ވަނަ އަސާސީ ތަމްރީން ކޯސް ކުރިއަށްގެންގޮސްފައިވަނީ 7 މާރޗު 2026 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ އައްޑޫ ޓްރެއިނިން ސެންޓަރުގައެވެ.

73 ވަނަ އަސާސީ ތަމްރީން ކޯސްވެސް ކުރިއަށްގެންގޮސްފައިވަނީ 7 މާރޗު 2026 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަކަށެވެ. މި ކޯހުގެ ތަމްރީނުތައް ކުރިއަށްގެންދިޔައީ ގިރިފުށި ޓްރެއިނިން ސެންޓަރުގައެވެ.

މި ދެ ބެޗުގެ ދަރިވަރުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސައިން މަޒީދެވެ.

އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ މީހުންނަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ.

އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބި ކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.