އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިސް، އައިޔޫއެމްއިން މި ފަށާ ސެމިސްޓަރއަށް މުޅިން އަލަށް 3 ކޯހެއް ފެށުމަށް ނިންމައި ކޯސްތަކަށް ވަނުމަށް ފުރުސަތު ހުޅުވާލައިފިއެވެ. އައިޔޫއެމްއިން ފަށާ 3 ކޯހުގެ ތެރެއިން ދެ ކޯހަކީ، މުޅިން އަލަށް ފަށާ ދެ ކޯސް ކަމަށް އެ ޔުނިވަރސިޓީއިން ވިދާޅުވިއެވެ.
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އައިޔޫއެމްއިން މިއަންނަ ސެމިސްޓަރއަށް ފަށަނީ މާސްޓާސް ދެ ކޯހަކާއި، ސެޓްފިކެޓް ލެވެލްގެ އެއް ކޯހެވެ. އެ ކޯސްތަކަކީ، ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީސްގެ މާސްޓަރ އޮފް ސައިންސް، އިންފޮމޭޝަން ސިސްޓަމްސް އެންޑް ޑޭޓާ ސައިންސްއާއި، މާސްޓަރ އޮފް ސައިސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސްއެވެ. ދެން ފަށާފައިވަނީ، ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ އެޑްވާންސް ސެޓްފިކެޓް އިން ސުންނަތް ސްޓަޑީސްއެވެ.
ކޯސްތަކުގެ ތަފްސީލް ހިއްސާކޮށްދެއްވާ އިސްލާމިކް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އެކަޑަމިކް އެފެއާޒް ޑރ. ޢާއިޝަތު ވަހީދާ ވިދާޅުވީ، މާސްޓަރސް ފެންވަރުގެ ދެ ކޯސް ކިޔަވައިދެނީ، އޮންލައިންކޮށް ކަމަށެވެ. އަދި އެޑްވާންސް ސެޓްފިކް ކޯހަށް އޮންލައިންކޮށްނާއި، ކްލާހަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީސްގެ ދެ ކޯސް، މާސްޓަރ އޮފް ސައިންސް، އިންފޮމޭޝަން ސިސްޓަމްސް އެންޑް ޑޭޓާ ސައިންސް، މާސްޓަރ އޮފް ސައިންސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް. އިސްލާމިކް ބޭންކިން އެންޑް ފައިނޭންސްއަކީ ދިވެހިރާއްޖެއަށްވެސް މުޅިން އައު ކޯހެއް. މި ދެކޯހަކީވެސް ފުލީ އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ ކޯސް. އެމްކިއުއޭގެ ފުލީ އެޕްރޫވްޑް އަދި އެކްރެޑިޓެޑް ކޯސްތަކެއް. ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނަތް، އެޑްވާންސް ސެޓްފިކެޓް އިން ސުންނަތް ސްޓަޑީސް، މިވެސް ދިވެހިރާއްޖެއަށް މުޅިން އައު ދާއިރާއެއްގެ އެންމެ ބޭސިކް ލެވެލް ފެށިގެން މިދަނީ." ޑރ. ޢާއިޝަތު ވަހީދާ ވިދާޅުވިއެވެ.
މިފަހަރު އިސްލާމިކް ޔުނިވަރސިޓީން މާސްޓަސް ފެންވަރުގެ ދެ ކޯހެއް ތަޢާރަފް ކުރުމާއި ގުޅިގެން އެ ކޯސްތައް ކުރިއަށްގެންދާ ކުއްލިއްޔާ އޮފް އިކޮނޮމިކްސް އެންޑް މެނޭޖްމެންޓް ސްޓަޑީސްގެ ޑީން ޑރ. މުޙައްމަދު ޒާހިރު ވަނީ މި ދެ ކޯހަކީވެސް، ދާއިރާގައި މިވަގުތު މަސައްކަތް ކުރާ ފަރާތްތަކަށް މުހިންމު ދެ ކޯސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑޭޓާ ސައިންސް ކޯސް ރިސާރޗާ ނުލާ ކޯސްވޯކް އެކަނި ހަދާލައިގެންވެސް 3 އަހަރުން ކޯސް ނިންމާލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމިކް ބޭންކިން ކޯހަކީ، މި ދާއިރާގެ ވަރަށް ގިނަ ތަޖުރިބާކާރުންގެ އެހީއާއެކު ފަރުމާކޮށްފައިވާ ކޯހެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ސީދާ މާކެޓަށް އަމާޒުކޮށް ފަރުމާކޮށްފައިވާ ކޯހެއް ކަމަށާއި، ކޯހުގައި ކޯސްވޯކާއި ރިސާރޗްވެސް ހިމަނައިގެން ކޯސް ފުރިހަމަ ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްލާމިކް ޔުނިވަރސިޓީން މި ސެމިސްޓަރގައި އަލަށް ކިޔަވައި ދޭން ފަށާ އެޑްވާންސް ސެޓްފިކެޓް އިން ސުންނާ ސްޓަޑީސް ކޯހަކީ، ގިނަ ބައެއްގެ އެދުމުގެ މަތިން ފަށާ ކޯހެއް ކަމަށް އައިޔޫއެމްއިން ވިދާޅުވިއެވެ. އައިޔޫއެމްގެ ކުއްލިއްޔާ އޮފް ޤުރުއާން އެންޑް ސުންނާގެ ޑީން މުޙައްމަދު މަންޞޫރު ވިދާޅުވީ، އިސްލާމީ ޝަރީޢާގެ ދެވަނަ މަސްދަރު ކަމުގައިވާ ސުންނަތާއި ގުޅޭ ގިނަ ކަންކަން މި ކޯހުން ދަސްކޮށްދެވޭނެ ކަމަށެވެ. އެގޮތުން ހަދީސްތަކާއި އެކި ޝުބުޙަތަކުގެ އިތުރުން ރަސޫލާގެ ޝަޚުސިއްޔަތާއި ގުޅޭގޮތުންވެސް ކޯހުގައި ކިޔަވައިދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިޔޫއެމްއިން ވަނީ، މި ކޯސްތަކަށް ކުރިމަތިލާ ދަރިވަރުން މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 1:00ގެ ކުރިން އެޕްލިކޭޝަން ފުރުމަށްފަހު އެޕްލިކޭޝަން ހުށަހެޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކޯސްތަކަށް ވަންނަން ބޭނުންވާ ފަރާތްތަކުން ކޯސްތަކުގެ މައުލޫމާތާއި، ޝަރުތުތަކާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަ އައިޔޫއެމްއިން އެކަން ސާފުކުރުމަށް ވަނީ އެދިފައެވެ. މި ކޯސްތައް މާލެ ކެމްޕަހުގެ އިތުރުން އަތޮޅު ތެރޭގައި ހުރި އެޔުނިވަރސިޓީގެ ކެމްޕަސްތަކުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށްވެސް އައިޔޫއެމްއިން ވިދާޅުވެއެވެ.