ފުޓްބޯޅައިގެ ފޯރީގައި އުފާ ފާޅުކުރާއިރު އެހެން މީހުންގެ ޙައްޤުތަކަށް އިޚުތިރާމް ކުރުމަށާއި، އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މިހެން ވިދާޅުވެފައިވަނީ، މިރޭ އާޖެންޓީނާއާއި އިންގްލެންޑް ބައްދަލުކުރާ ފޯރިގަދަ ފުޓުބޯޅަ މެޗު ބަލަން ސަޕޯޓަރުން ތައްޔާރުވަމުންދާ ދަނޑިވަޅެެއްގައެވެ.
ފުލުހުން ވިދާޅުވީ، ދަންވަރުގެ ވަގުތުތަކަކީ ގިނަ ރައްޔިތުން އަރާމުކުރާ ވަގުތުތަކަކަށް ވުމާއެކު، އާންމު މަގުތަކާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އަޑުގަދަ ކުރުމާއި، ބާރަށް ލަވަ ޖެހުމާއި، އުޅަނދުފަހަރުގެ ބަރުގޮނު އެޅުން ފަދަ އެހެން މީހުންނަށް އުނދަގޫވާނެ ކަންކަމުން ދުރުހެލިވުމަށް ހަނދާންކޮށްދޭ ކަމަށެވެ.
މީގެ އިތުރުން، އާންމު ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސްކްރީންތަކުން މެޗު ބަލާއިރު، މަގު ބޭނުންކުރާ އެހެނިހެން ފަރާތްތަކަށް ދަތިވާނެހެން ސައިކަލުތައް މަޑުކޮށްގެން ނުތިބުމަށާއި، މެޗު ނިމުމަށްފަހު ބައިބަޔަށް އެއްވުމާއި، ސައިކަލު ބުރު ޖެހުން ފަދަ ކަންކަން ނުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން އަވަށްޓެރިންނަށް އުނދަގޫވެ، މަގު ބޭނުންކުރާ އެހެން މީހުންނަށް ދަތިތަކާ ކުރިމަތިވެދާނެއެވެ.
އެހެންކަމުން މެޗުގެ ފޯރީގައި ބައިވެރިވާއިރު، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަވައްޓެރިންގެ ޙައްޤުތަކަށް އިސްކަންދިނުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.