ޚަބަރު

އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


  • ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 3 މެންބަރުންގެ ދައުރު ހަމަވާތީ

  • އެލްޖީއޭ އެކުލެވިގެން ވަނީ 9 މެމްބަރުންގެ މައްޗަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

އެލްޖީއޭގެ ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފުރުޞަތު ހުޅުވާލާފައިވަނީ މިވަގުތު އެބޯޑުގައި ތިއްބެވި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރުގެ އިތުރުން މަދަނީ ޖަމްއިއްޔާގެ މެމްބަރުގެ މުއްދަތު ހަމަވާތީއެވެ. އެމެންބަރު އައްޔަންކޮށްފައިވަނީ 2021ވަނަ އަހަރުގައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން، 29 ޖުލައި 2026 ވާ ބުދަ ދުވަހާ ހަމައަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 ފޯމު ބަލައިގަންނަމުންދާނެ ކަމަށެވެ.

ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް އައްޔަން ކުރާ މެންބަރުކަމަށް ކުރިމަތިލުމަށްވެސް އެލްޖީއޭއިން މިމަހުގެ 12ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ. އަދި އަންނަ އޯގަސްޓް މަހުގެ 8ވަނަ ދުވަހު އެމެންބަރުން އައްޔަންކުރުމަށް ބާއްވާ އިންތިޚާބު ކުރިއަށްގެންދަން ނިންމާފައިވާއިރު، މި އިންތިޚާބުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރަކު އިންތިޚާބު ކުރާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ މެންބަރަކާއި، މަދަނީ ޖަމްއިއްޔާގެ މެމްބަރަކާއި، ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރަކާއި، ރަށު ކައުންސިލްތަކުގެ ތެރެއިން އިންތިޚާބު ކުރާ މެމްބަރަކާއި، މާލީ ކަންކަމާގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅާ އެއޮފީހުގެ މުވައްޒަފެއްގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެއޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.