ޚަބަރު

އަމްރިތާގެ އެއްބަސްވުން އައުކުރާތީ އައު ޕޭޝަންޓުން ފޮނުވުން މެދުކަނޑާލައިފި


  • މިހާރު ފަރުވާ ހޯދަމުންދާ މީހުންނަށް އެ ޚިދުމަތް ލިބޭނެ

  • އެގްރީމަންޓް އައު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް އާސަންދައިގެ ދަށުން އާ ބަލިމީހުން ފޮނުވުން މެދުކަނޑާލި ނަމަވެސް މިހާރު ފަރުވާ ހޯދަމުންދާ މީހުންނަށް އެޚިދުމަތް ލިބޭނެކަމަށް އާސަންދައިން ވިދާޅުވެއްޖެއެވެ.

އަމްރިތާ ހޮސްޕިޓަލަކީ ގިނަ ޢަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސްއުޅޭ ހޮސްޕިޓަލެކެވެ.

އާސަންދަ ކުންފުނިން ވިދާޅުވީ މިވަގިތަށް އައު ޕޭޝެންޓުން ފޮނުވުން މެދުކަނޑާލި ނަމަވެސް މިހާރު ވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދަމުންދާ ދިވެހި ބަލިމީހުންނަށް ކަންބޮޑުވުމެއް ނެތްކަމަށެވެ. އަދި މިހާރު ފަރުވާ ހޯދަމުންދާ މީހުންނަށް އޮންނަ އުސޫލުގެ ތެރެއިން އާސަންދައިގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބެމުންދާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އާސަންދައިން ވިދާޅުވީ އައު ބަލިމީހުން ފޮނުވުމަށްޓަކައި އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުން އައު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. ނަމަވެސް ބަލިމީހުން އަލުން ފޮނުވަން ފެށޭނެވަކި ތާރީޚެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.

މީގެ ކުރިންވެސް ރާއްޖެއިން ބޭރުގެ ބައެއް ހޮސްޕިޓަލްތަކުން ވަގުތީ ގޮތުން އާސަންދައިގެ ޚިދުމަތް މެދުކެނޑާލާ ހާލަތްތައް ދިމާވެފައިވެއެވެ. ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމަށް އަންނަނީ ޚަރަދުކުރަމުންނެވެ.

އާސަންދައިގެ ދަށުން މިވަގުތުން އިންޑިއާ، ސްރީލަންކާ، ދުބާއީ އަދި ތައިލެންޑްގެ ބައެއް ހޮސްޕިޓަލްތަކަށް އާސަންދައިގެ ދަށުން ބަލި މީހުން ފޮނުވަމުންދެއެވެ. އާސަންދައަކީ ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމެވެ. މިނިޒާމުގެ ދަށުން ކޮންމެ ދިވެއްސަކަށް ހިލޭ ބޭސްފަރުވާ ދައުލަތުގެ ޚަރަދުގައި ކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. އާސަންދައިން އަހަރެއްގެ މައްޗަށް 3 ބިލިއަނެއްހާ ރުފިޔާ ބޭސްފަރުވާއަށް ޚަރަދުކުރެއެވެ.