ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި އާޖެންޓީނާ އާއި ދެކޮޅަށް މާދަމާ ރޭ އިންގްލެންޑް ކުޅޭ މެޗުގައި ޑެކްލަން ރައިސް ކުޅޭނެތޯ ނިންމާނީ އެންމެ ފަހު ވަގުތުކަމަށް އެ ޓީމުގެ ކޯޗު ތޯމަށް ޓުޗެލް ބުނެފި އެވެ.
ކުއާޓަރ ފައިނަލުގައި ނޯވޭ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ޓުޗެލް ބުނެފައިވަނީ އެ މެޗުގައިވެސް ރައިސް ކުޅެފައިވަނީ ތިން ދުވަސްވަންދެން ބަލިވެ އުޅުމަށްފަހުގައި ކަމަށެވެ. އަދި އެ މެޗުގެ ހާފް ޓައިމްގައި އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
ނޯވޭ އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ޓުޗެލް ބުނެފައިވަނީ ރައިސް އަދިވެސް އެއްކޮށް ފިޓު ނުވާ ކަމަށާއި އެހެންކަމުން އޭނާ އާޖެންޓީނާ އާއި ދެކޮޅަށް ކުޅޭނެތޯ ނިންމާނީ ފަހު ވަގުތު ކަމަށެވެ.
"ރައިސް އަދިވެސް އެއްކޮށް ފިޓެއް ނޫން. އެހެންކަމުން އޭނާ ސެމީ ފައިނަލުގައި ފުރަތަމަ ޓީމުގައި ހިމަނާނެތޯ ނިންމާނީ އެންމެ ފަހު ވަގުތު." ޓުޗެލް ބުންޏެވެ.
އިންގްލޭންޑްގެ ގައުމީ ޓީމަށް 78 މެޗު ކުޅެދީފައިވާ ޑެކްލަން ރައިސް ވަނީ މި ފަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި ޕެނަމާ އާއި ދެކޮޅަށް ކުޅުނު މެޗު ފިޔަވާ, އިންގްލޭންޑް ކުޅުނު ހުރިހާ މެޗެއްގެ ފުރަތަމަ ޓީމުގައި ހިމަނާފަ އެވެ.