ބަންގްލަދޭޝްގައި ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ޠާރިޤް ރަޙްމާނަށް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އެ މަނިކުފާނުގެ ރަސްމީ 'އެކްސް" އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި، މި ހިތާމަވެރި ހާދިސާގައި އެޤައުމުގެ އެތައް ބައެއްގެ ފުރާނަ ގެއްލުނު ޚަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމައާއެކުގައިކަން ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި ހާދިސާގައި ގެއްލުން ލިބުނު އާއިލާތަކަށް، އިޚްލާޞްތެރިކަމާއިއެކު ހަމްދަރުދީ ފޮނުއްވާފައެވެ. އަދި ހާދިސާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ގެއްލިފައިވާ މީހުން، ސަލާމަތްތެރިކަމާއެކު ފެނުމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބަނގްލަދޭޝްއަކީ ދިވެހިރާއްޖޭގެ އެކުވެރި، އަވައްޓެރި ޤައުމެއްކަމުގައި ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ ވަނީ ބަންގްލަދޭޝާއެކު ކަމަށް ވިދާޅުވެފައެވެ.
ބަންގްލަދޭޝްއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ 44 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. މި ވިއްސާރައިގައި ޗައްޓޮގްރާމް، ކޮކްސް ބާޒާރު، ބަންދޮރްބަން، ރަންގަމަޓީ، ހާގްރާޗޯރީ، މޮއުލޯބީބާޒާރު އަދި ހޯބީގޮންޖ ޑިސްޓްރިކްޓަށް ބޮޑެތި ގެއްލުންތައް ލިބި، މިލިޔަނަކަށްވުރެ ގިނަ މީހުން ވަނީ ޙާލުގައި ޖެހި، ގެދޮރުގައި ތާށިވެފައެވެ.
ގާތްގަނޑަކަށް 267,918 ގޭބިސީއެއްގެ ތެރެއަށް ފެންވަދެ، ގިނަ ބަޔެއްގެ ދިރިއުޅުން ހުއްޓުމަކަށް އައިސްފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުންޏެވެ. އަދި، ގޭގެއަށް ފެން ވަދެ ބަދިގެތައް ހަލާކުވުމުގެ ސަބަބުން ކައްކައި ކެއުމުގެ ފުރުޞަތު ބަންދުވެ، ކަރަންޓު ކެނޑުމާ ގުޅިގެން އެހީތެރިކަން ލަސްވެ، އެ ސަރަޙައްދުތަކުގެ ޢާންމުން ވަރަށް ދަތި ޙާލަތެއް ތަހައްމަލު ކުރަމުންދާ ކަމުގައި ވެސް އިދާރާތަކުން ބުންޏެވެ. ފެންބޮޑުވެ، ބިންގަނޑު ކެނޑުމުގެ ސަބަބުން އެ ސަރަޙައްދުތަކަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ.