ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިޔަން ފަތުރުވެރިން


  • މިމަހުގެ މިހާތަނަށް 62,260 ފަތުރުވެރިން އައިސްފައިވޭ

  • އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,897 ފަތުރުވެރިން އާދޭ

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިޔަން ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,132,142 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 1,189,777 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 4.8 އިންސައްތަ ދަށް އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މި ހިންގާ ޖުލައި މަހުގެ މިހާތަނަށް ރާއްޖެއަށް 62,260 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 63,693 ފަތުރުވެރިންނާ އަޅާ ބަލާއިރު 2.2 އިންސައްތަ ދަށް އަދަދެެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ދަތުރުތައް މެދުކަނޑާލި އެއާލައިންތަކުން އަލުން ދަތުރުތައް ފެށުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,897 ފަތުރުވެރިން ޒިޔާރާތްކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ 5 ޤައުމު:

* ޗައިނާ: 184,080 ފަތުރުވެރިން
* ރަޝިއާ: 160,605 ފަތުރުވެރިން
* އިނގިރޭސިވިލާތް: 90,201 ފަތުރުވެރިން
* އިޓަލީވިލާތް: 75,690 ފަތުރުވެރިން
* ޖަރުމަނުވިލާތް: 70,114 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 1,116,565 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. އެގޮތުން 1,103,024 ފަތުރުވެރިން ރާއްޖެއަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން އެތެރެވެފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވަނީ މާފަރު އިންޓާނޭޝަނަލް އެއާޕޯޓުންނެވެ. އެއީ މުޅި ޖުމްލަ 3,827 ފަތުރުވެރިންނެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މި ކުރިއެރުން ދެމެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރި ކަމަށް ދިމާވަމުންދާ ގޮންޖެހުންތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތާއެކު ކުރިއަށް އޮތްތަނުގައި މި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދާއިރާގެ ތަޖުރިބާ ކާރުން ވިދާޅުވެއެވެ.