ޚަބަރު

ވޯލްޑް ކަޕް ފައިނަލް މެޗު ކުޅޭ ދަނޑުގެ ވިނަގަނޑު ސުވެނިއަރގެ ގޮތުގައި ވިއްކަނީ


  • ފީފާއިން ވިނަގަނޑުގެ ސްވެނިއަރ ވިއްކަން ފަށާ އަގަކީ 450 އެމެރިކާ ޑޮލަރު

ފީވާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅޭ ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގެ ވިނަގަނޑު ފައިނަލް މެޗަށް ފަހު ސުވެނިއަރގެ ގޮތުގައި ވިއްކަން ފީފާއިން ނިންމައިފިއެވެ.

މިމަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗަށް ފަހު އެދަނޑުގެ ވިނަގަނޑު ވިއްކުމަށް ފީފާއިން ނިންމާފައިވަނީ 450 އާއި 1200 އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދަކަށެވެ. ފީފާއިން މިކަން ރޭގެ ވަގުތެއްގައި ހާމަކުރިއިރު ބުނެފައިވަނީ ސުވެނިއަރގެ ގޮތުގައި މިވިނަގަނޑު ވިއްކަން ފަށާނީ 450 އެމެރިކާ ޑޮލަރުންކަމަށެވެ. މިފަހަރުގެ ވޯލްޑް ކަޕުގައި ބޮޑު އަގުގައި މެޗު ތަކުގެ ޓިކެޓް ވިއްކާތީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ފީފާއިން ފައިނަލް މެޗު ކުޅޭ ދަނޑުގެ ވިނަގަނޑު ވިއްކައިގެން 11 މިލިޔަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ފައިދާއެއް ހޯދާނެކަމަށްވެއެވެ.

ފީފާގެ އޮފިޝަލް ސްޓޯގައި ފާހަގަ ކުރާގޮތުގައި ސުވެނިއަރގެ ގޮތުގައި ވިއްކާ ވިނަގަނޑުގެ ބޮޑުމިން އުޅެނީ 17.5 ގުނަ 17.5 ގުނަ 17.5 އެވެ. ނަމަވެސް މިއީ އިންޗި ކަމެއް ސެންޓިމީޓަރުކަމެއް ނުވަތަ މިލިމީޓަރުކަމެއް ހާމަކޮށްފައެއްނުވެއެވެ. އަދި މިވިނަގަނޑު ހުންނަނީ އެކްރިލިކް ބޮކްސްއެއްގައި ބަންދު ކޮށް ހަލާކު ނުވާނެގޮތް ހަދާފައެވެ. އަދި މިއީ މިފަދަ ސުވެނިއަރ ކަލެކްޓް ކުރާ ފަރާތްތަކާއި ސަޕޯޓަރުންނާއި ފުޓްބޯޅައަށް ލޯބި ކުރާ ފަރާތްތަކަށް މިފަހަރުގެ މުބާރާތުގެ ހަނދާންތައް އަބަދަށް ބެހެއްޓުމަށް ލިބޭ ރަނގަޅު ފުރުސަތެއްގެގޮތުގައި ފީފާއިން ފާހަގަ ކުރެއެވެ. ނަމަވެސް ފީފާއިން މިސުވެނިއަރ ޑެލިވަރ ކޮށްދޭނީ އެމެރިކާ އިތުރުން ޔޫރަޕްގެ ޤައުމުތަަކަށެވެ.

މީގެއިތުރުން ތިން އިންޗި ތިން އިންޗީގެ ވިނަކޮޅެއް ރެޕްލިކާ ޓިކެޓަކާއި ވޯލްޑް ކަޕްގެ ރެޕްރިކާ ކުޑަ ބޯޅަ އަދި ކްރިސްޓަލް ކަޓް ވޯލްޑް ކަޕް ޓްރޮފީ އެއްކޮށް ތިން ހާސް އެމެރިކާ ޑޮލަރަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށްވެއެވެ. އަދި 900 އާއި 1200 އެމެރިކާ ޑޮރަލަށްވެސް މިސުވެނިއަރ ފީފާއިން ވިއްކާނެކަމަށްވެއެވެ. މިހާރުވެސް ފީފާ ސްޓޯއިން ފެންނަ ގޮތުގައި 450 އެމެރިކާ ޑޮލަރަށް ވިއްކާ ސުވެނިއަރ ވިނަގަނޑުގެ ބައިމިވަނީ ވިކި ހުސްވެފައެވެ. ފީފާއިން ބުނާގޮތުގައި ފައިނަލް މެޗުގައި ބޭނުންކުރާ ދަނޑުގެ ވިނަގަނޑު ހައްދާފައިވަނީ ނޯތު ކެރޮލައިނާގެ ޓަރފް ފާމެއްގައެވެ.