ޚަބަރު

އާބާދީގެ ދެމެހެއްޓެނިކަމަށް ސްމާޓް ކެއަރ ޕޮލިސީތަކެއް އެކުލަވާލަނީ


  • 2040ގައި ރާއްޖެއަކީ އުމުރުން ދުވަސްވީ އާބަދީއަކަށްވާނެ

  • އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ ނިޒާމުތައް ޤާއިމްކުރަން ޖެހޭ

އާބާދީގެ ދެމެހެއްޓެނިކަން ކަށަވަރުކުރުމަށް ސްމާޓް ކެއަރ ޕޮލިސީތަކެއް އެކުލަވާލަން ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޔޫއެންއެފްޕީއޭއިން ނިންމައިފިއެވެ. އެވުޒާރާއިން ވިދާޅުވީ، މިފަދަ ޕޮލިސީތަކަކީ ހަމައެކަނި އިޖުތިމާޢީ ޚިދުމަތްތަކެއް ނޫންކަމަށާއި، މިއީ މިންތީގެ ހަމަހަމަ ކަމަށާއި އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަށް ކުރާ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދަރިމައިވުމުގެ ނިސްބަތް ދަށްވަމުން ދިއުމަކީ، އާބާދީއަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ކަންބޮޑުވުންތަކާއި ބަހުސްތައް އުފެދެމުންދާ ކަމެކެވެ. ދިވެހިރާއްޖޭގައި މި ބަދަލު ފެންނަނީ، ވަރަށް ބޮޑަށެވެ. އެގޮތުން 1990 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ މެދު އުމުރު 16 އަހަރުގައި ހުރިއިރު، މިއަދު އެއަދަދު ވަނީ ގާތްގަނޑަކަށް 33 އަހަރަށް މަތިވެފައެވެ. އަދި 2040ގެ މެދުތެރެއަށް ދާއިރު ރާއްޖެއަކީ، "އުމުރުން ދުވަސްވީ އާބަދީއަކަށް" ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ދުނިޔޭގެ އާބާދީ ދުވަހުގެ އުންމީދަކީ ރާއްޖޭގައި މި ފުރުޞަތުތައް ފުޅާކުރުމަށް އިސްކަންދިނުން ކަމަށެވެ.

ދުނިޔޭގެ އާބާދީގެ ހާލަތާ ބެހޭގޮތުން 2025ވަނަ އަހަރު ނެރެފައިވާ ރިޕޯޓް "ދަ ރިއަލް ފާޓިލިޓީ ކްރައިސިސް"ގައި ބަޔާންކޮށްފައިވާ ގޮތުން ދެމަފިރިއަކު ހޯދަން ބޭނުންވާ ދަރިންގެ އަދަދާއި، ޙަޤީޤަތުގައި ލިބޭ ދަރިންގެ އަދަދާ ދެމެދު ފަރަގެއް ހުންނަނަމަ، އެއިން ދޭހަކޮށްދެނީ އިޖުތިމާޢީ - އިޤްތިސާދީ އޮނިގަނޑު ވަރުގަދަކޮށް، ޙައްޤުތަކަށް އިސްކަންދޭ ސިޔާސަތުތަކެއް ބޭނުންވާ ކަންކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ގިނަ ހުރަސްތަކަކީ، މައިގަނޑު ގޮތެއްގައި އިޤްތިޞާދީ ހަމަޖެހުން ކުޑަވުމާއި، ވަޒީފާގެ މާޙައުލާއި، އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަހަމަކަމާއެކު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ފުރުޞަތުތައް ނެތުމުން ދިމާވާ ހުރަސްތައް ކަމަށް ވިދާޅުވިއެވެ.

އިޤްތިޞާދީ ހާލަތަށް ބަލާއިރު ރާއްޖޭގެ އާބާދީގެ %41 ދިރިއުޅޭ ގްރޭޓަރ މާލެ ސަރަޙައްދުގެ ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި އަދި ދަރިމައިވުމުގެ ސިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބެން ހުރުމުގެ މުހިންމު ކަމަކީ، ދިރިއުޅުމުގައި މިފަދަ ނިންމުންތައް ނިންމާ ވަގުތައް އަސަރުކުރާ ސަބަބުތަކެއްކަން ފާހަގަކުރައްވައި، އެ ވުޒާރާއިން ވިދާޅުވީ ރާއްޖޭގެ ޒުވާނުންގެ %19 އަކީ، މިހާރު ކިޔަވަމުން ނުދާ ވަޒީފާއެއް ނެތް އަދި ތަމްރީނު ހޯދަމުންނުދާ ޒުވާނުން ކަަމަށެވެ. މިއިން އެނގެނީ ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވެފައިވާ މި އިޤްތިސާދުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރާއި، ލިބެންހުރި ފުރުޞަތުތަކާ ދެމެދު ފަރަގެއް ހުރި ކަމަށާއި، ގޭތެރޭގެ ޒިންމާތައް އުފުލަންޖެހޭ މިންވަރު އިތުރުވަމުންދާކަން ކަަމަށް ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންގެ އަދަދު 2045 އަންނައިރު ތިންގުނަ ވެގެންދާއިރު، މިއީ ސިޔާސަތުތައް ކަނޑައެޅުމުގައި ޚާއްސަ އިސްކަމެއް ދޭންޖެހޭ ކަމެއްކަމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އާބާދީއަށް އަންނަމުންދާ ބަދަލުތަކާއިއެކު، މުސްތަޤުބަލަށް ވިސްނައިގެން ސިޔާސަތުތަކެއް ކަނޑަނާޅައިފިނަމަ، ސިއްޙީ ބޭނުންތައް އިތުރުވުމުގެ ސަބަބުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ބުރަ ބޮޑުވެގެންދާނެއެވެ. ތިމާވެށީގެ ބަދަލުތަކާއި އަދި ދިރިއުޅުމުގެ އާދަކާދަތަކަށް އަންނަ ބަދަލުތަކުން މި ގޮންޖެހުންތައް އިތުރުވާއިރު، މިކަމަށް އެކަށީގެންވާ ހައްލުތަކެއް ހޯދުމަށް ފުރިހަމަ އަދި ދެމެހެއްޓެނިވި ރޭވުންތަކެއް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިކަމުގެ ޙައްލަކީ، އަޅާލުމާއި ބެލެހެއްޓުމުގެ ޒިންމާއަކީ ވަކިވަކި ފަރުދުންގެ ޒިންމާއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި މުޅި މުޖުތަމަޢު ބައިވެރިވާ އިޖްތިމާއީ އިސްކަމެއްގެ ގޮތުގައި ދެކި "ސްމާޓް ކެއަރ ޕޮލިސީ"ތަކެއް އެކުލަވާލުން ކަމަށެވެ. ރަށްރަށުގެ ފެންވަރުގައި ކުދިން ބެލެހެއްޓުމާއި އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާލާނެ ނިޒާމުތައް ލާމަރުކަޒީކޮށް ޤާއިމުކުރުމުން، އަޅާލުމުގެ ޒިންމާތައް ހަމަހަމަކަމާއެކު ބެހިގެންދާނެކަމަށް ވިދާޅުވިއެވެ. މިފަދަ ސިޔާސަތުތަކަކީ ހަމައެކަނި އިޖުތިމާޢީ ޚިދުމަތްތަކެއް ނޫންކަމަށާއި، މިއީ މިންތީގެ ހަމަހަމަ ކަމަށާއި އިޤްތިޞާދީ ގޮތުން ބާރުވެރި ކުރުވުމަށް ކުރާ މުހިންމު އިންވެސްޓްމަންޓެއް ކަމަށް ވިދާޅުވިއެވެ. މީގެ ސަބަބުން އަންހެނުންނަށް ޤައުމީ ތަރައްޤީގައި ފުރިހަމައަށް ބައިވެރިވުމުގެ ފުރުޞަތު ލިބި، ޒުވާނުންނަށް އެމީހުންގެ މުސްތަޤުބަލު ރޭވުމުގެ އިޚްތިޔާރާއި ހަމަޖެހުން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި އަދި ޒިންމާތައް ހިއްސާކުރެވޭނެ އޮނިގަނޑުތައް ނިޒާމުގެ ތެރެއަށް ފެއްތުމަކީ، މުޖުތަމައުގެ ދިގުމުއްދަތުގެ ކުރިއެރުމަށް މަގުފަހިވާނެ ކަމެއް ކަމަށާއި މީގެ އިތުރުން، ފަންނީ ތަޢުލީމާއި ތަމްރީނު ސިނާޢަތުގެ ބޭނުންތަކާ ގުޅުވައި ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. ސަބަބަކީ، އުމުރުން ދުވަސްވީ އާބާދީ ބެލެހެއްޓުމާއި، މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް މި ޤައުމު ދިފާޢު ކުރުމުގެ ޒިންމާ ކުރިއަށް އޮތްތަނުގައި އުފުލާނީ މިއަދުގެ ޒުވާނުން ކަމުގައިވާތީއެވެ. އެހެންކަމުން، ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަޤުބަލަކަށް ޤައުމު ގެންދިއުމަށްޓަކައި އަދުގެ ޒުވާނުންގެ ފަންނީ ހުނަރާއި އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރު ކޮށްދޭން ޖެހެއެވެ.

ޒުވާނުންނަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާގެ އާބާދީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރެވޭނެ ހަމައެކަނި މަގެވެ. ޒުވާނުންނަށް ބޭނުންވަނީ ހަމައެކަނި ޚިދުމަތްތަކެއް ނޫނެވެ. ރޭވުންތެރިކަމާއެކު ދިރިއުޅެވޭނެ ފަދަ މުސްތަޤުބަލެކެވެ. އެއީ، އިޤްތިޞާދީ ރައްކާތެރިކަމާއި ދަރިމައިވުމުގެ ޙައްޤުތަކަކީ ހަމައެކަނި މަދު ބަޔަކަށް ލިބޭ މޮޅެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައ ދިވެހި ދިރިއުޅުމުގެ އަސާސްތަކަށް ވެފައިވާ މުސްތަޤުބަލެއް ކަމަށް ވިދާޅުވިއެވެ. މިފަދަ މުސްތަޤުބަލެއް ޔަގީން ކުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއާއި ޔޫއެންއެފްޕީއޭ ގުޅިގެން، ރާއްޖޭގެ ރަށްތަކާއި މާލެ ސަރަޙައްދަށް އެކަށީގެންވާ ހަރުދަނާ މޮޑެލްތަކެއް ޤާއިމުކުރުމަށް ވަނީ ނިިންމާފައެވެ.