ޚަބަރު

ވިމްބަލްޑަންގެ ފައިނަލުން ސިނަރ އާއި ޒުވަރޭވް ޖާގަހޯދައިފި


  • ސިނަރ އާއި ޒުވަރޭވް މީގެކުރިން 14 ފަހަރު ބައްދަލުކޮށްފައިވޭ

އަހަރުގެ ތިންވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ފައިނަލުން ޔަނިކް ސިނަރ އާއި އެލެގްޒެންޑަރ ޒުވަރޭވް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން އެއްވަނައަށް ސީޑު ކުރެވިފައިވާ އަދި ތަށި ދިފާއު ކުރުމަށް މަސައްކަތް ކުރަމުންދާ އިޓަލީވިލާތުގެ ސިނަރ ޖާގަހޯދީ ސެމީ ފައިނަލްގައި ހަތްވަނައަށް ސީޑު ކުރެވިފައިވާ ސަރބިއާގެ ނޯވަކް ޖޯކޮވިޗް އާއި ބައްދަލުކުރި މެޗު ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ތިން ސެޓު ސިނަރ ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރެއް، ހައެއް ހަތަރެއް އަދި ހައެއް ހަތަރަކުންނެވެ.

ޖޯކޮވިޗްގެ މައްޗަށް ސިނަރ ކާމިޔާބު ހޯދި މެޗު ވެގެން ގޮސްފައިވަނީ ގްރޭން ސްލޭމް މުބާރާތް ތަކުގައި އޭނާ ހޯދި 99 ވަނަ ކާމިޔާބީ އަށެވެ. އަދި އޭނާ ވެފައިވަނީ ވިމްބަލްޑަން މުބާރާތުގެ ފައިނަލުން އެއް ފަހަރަށް ވުރެ ގިނައިން ޖާގަހޯދި އިޓަލީވިލާތުގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ. މިމުބާރާތުގެ ފައިނަލްގައި ސިނަރ ބައްދަލުކުރާނީ މިމުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ އަދި އެންމެ ފަހުން ބޭއްވި ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނުވިލާތުގެ ޒުވަރޭވް އާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސިނަރ ބުނީ ވިމްބަލްޑަންއަކީ އޭނާއަށް ވަރަށް ހާއްސަ މުބާރާތެއް ކަމަށާއި އެހެން ކަމުން މިމުބާރާތުގެ ފައިނަލްގައި އަނެއްކާވެސް ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާކުރާކަމަށެވެ. އަދި ޖޯކޮވިޗް އަކީ އޭނާގެ އިތުރުން ޒުވާން އަރަމުން އަންނަ ކުޅުންތެރިންނަށް ވަރަށް ބޮޑު ހިތްވަރެއް ދޭ ފާހަގަ ކޮށްލެވޭ ކުޅުންތެރިއެއްކަން ސިނަރ ފާހަގަ ކުރިއެވެ. އަދި އުމުރުން 39 އަހަރުގައިވެސް އޭނާ ދައްކަމުންދާ މޮޅު ކުޅުމަށް ތައުރީފްކޮށް ޖޯކޮވިޗް އާއި އެކު ކުޅުމަކީ އަބަދުވެސް ވަރަށް އުނދަގޫ ކަމެއްކަން ފާހަގަ ކުރިއެވެ. މިމެޗުން ބަލިވުމުން ޖޯކޮވިޗްއަށް މިވަނީ ގްރޭން ސްލޭމްގެ 25 ވަނަ މުބާރާތް ކާމިޔާބު ކުރުމަށް އޭނާ ކުރާ އުންމީދު އަނެއްކާވެސް ދިގުލައިގެންދާގޮތް ވެފައެވެ.

ފައިނަލްގައި ސިނަރ އާއި ވާދަކުރާ ޒްވަރޭވް ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ވައިލްޑް ކާޑް އެންޓްރީއެއްގެ ދަށުން ކުޅެމުންދާ އިނގިރޭސިވިލާތުގެ އަރތަރ ފެއަރީ އާއި ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިމެޗުގެ ފުރަތަމަ ސެޓު ވަރަށް ވާދަވެރިކޮށް ޓައިބްރޭކަމަށް ދިޔަ ނަމަވެސް ޓައި ބްރޭކް ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ފަސޭހަ ކަމާއެކު ހައެއް ސުމަކުންނެވެ. އަދި ޖެހިގެން އައި ދެސެޓު ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއެއް އަދި ހައެއް ހަތަރަކުންނެވެ.

މިމެޗުން ބަލިވި ނަމަވެސް ފެއަރީއަށްވަނީ ކުޅިބަލަން ވަދެތިބި ގިނަ އަދަދެއްގެ އިނގިރޭސި ސަޕޯޓަރުންގެ ފަރާތުން ވަރަށް ފުރިހަމަ ސަޕޯޓެއް ލިބިގެން ގޮސްފައެވެ. މިއީ ފަހަކަށް އައިސް ވިމްބަލްޑަން މުބާރާތެއްގެ މިހާ ހިސާބަށް އިނގިރޭސި ކުޅުންތެރިޔަކަށް އާދެވުނު ފުރަތަމަ ފަހަރެވެ.

ސިނަރ އާއި ޒުވަރޭވް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުއެވެ. މިދެކުޅުންތެރިން މިހާތަނަށް 14 ފަހަރު ވާދަކޮށްފައިވާއިރު 10 ފަހަރު ކާމިޔާބު ކޮށްފައިވަނީ ސިނަރއެވެ. ނަމަވެސް ސިނަރ ފާހަގަ ކުރާގޮތުގައި މިފަހަރުގެ ފައިނަލް އެހާ ފަސޭހަ ނުވާނެކަމަށާއި ފްރެންޗް އޯޕަން ކާމިޔާބު ކުރެވުމުން ޒުވަރޭވްއަށް އިތުރު ހިތްވަރެއް ލިބިގެން ގޮސްފައިވާނެކަމަށް ގަބޫލް ކުރާކަމަށެވެ.