ޚަބަރު

ކޯޓުއަރ ބަދަލުކުރަން ނިންމީ އޭނާ ފުރިހަމައަށް ފިޓް ނުވުމުން: ގާސިއާ


  • ސްޕެއިން އަތުން ބަލިވުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫންކަމަށް ގާސިއާ ބުނޭ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓަރ ފައިނަލްގައި ސްޕެއިން އާއި ބެލްޖިއަމް ބައްދަލުކުރި މެޗުގެ ފަހު ހާފުގައި ބްލެޖިއަމްގެ ތަޖްރިބާކާރު ކީޕަރ ޓީބޯ ކޯޓުއަރ ބަދަލުކުރަން ނިންމީ އޭނާއަށް އަނިޔާވެ މުޅިން ފިޓް ނުވާތީ ކަމަށް އެޓީމުގެ ކޯޗު ރޫޑީ ގާސިއާ ބުނެފިއެވެ.

ގާސިއާ ބުނީ ވޯލްޑް ކަޕްގެ މިފެންވަރުގެ މެޗުތަކުގައި ކުޅޭއިރު ސައްތަ އިން ސައްތަ މެޗަށް ފޯކަސް ކުރެވޭވަރަށް ކުޅުންތެރިން ފިޓްވާން ޖެހޭނެ ކަމަށެވެ. އަދި ފުރިހަމައަށް ފިޓް ނޫން ކުޅުންތެރިން ނުކުޅުމަށް އޭނާ ވާނީ މިފަހަރުގެ ވޯލްޑް ކަޕް ފެށުމާއެކު ނިންމާފައިކަމަށްވެސް ގާސިއާ ބުންޏެވެ. އަދި އެހެން ކަމުން މިނިންމުން ކޯޓުއަރގެ މައްޗަށްވެސް ހިނގާނީ އެއް އުސޫލަކުންކަމަށް ގާސިއާ ފާހަގަ ކުރިއެވެ. އަދި މިމެޗުގައި ކޯޓުއަރ ދިޔައީ ވަރަށް ރަނގަޅަށް ކުޅެމުން ކަމަށާއި ހާއްސަކޮށް ޗާލްސް ޑި ކެޓެލާރޭ އާއި ރޮމެލޫ ލުކާކޫއަށް އޭނާ ދިން ދިގު ޕާސް ފާހަގަ ކޮށްލެވޭ ކަމަށް ކޯޗު ބުންޏެވެ. އަދި އޭނާ ދަނޑު މަތީ ބެހެއްޓިނަމަ އެކަން ކުރަން އަނެއްކާވެސް އުޅޭނެ ކަމަށާއި އަދި އޭނާއަށް ލިބުނު އަނިޔާ އިތުރަށް ގޯސް ކުރަން ބޭނުން ނުވާތީ އޭނާ ބަދަލު ކުރީ ކަމަށެވެ. އަދި އޭނާ ނިންމި ނިންމުމާއި މެދު ދެރަ ނުވާކަމަށްވެސް ގާސިއާ ބުންޏެވެ.

ގާސިއާ ބުނީ މިފަހަރުގެ ވޯލްޑް ކަޕްގައި އޭނާގެ ޓީމުން ދެއްކި ކުޅުމާއި އާދެވުނު ހިސާބަށް ބަލާއިރު އޭނާ ހިތްހަމަ ޖެހޭކަމަށެވެ. އަދި މުޅި މުބާރާތަށް ބަލާއިރު އޭނާގެ ކުޅުންތެރިން މޮޅު ކުޅުމެއް ދައްކާފައިވާކަމަށްވެސް އޭނާ ފާހަގަ ކުރިއެެވެ. ގާސިއާ ބުނީ ކްއާޓަރ ފައިނަލްގައި ބެލްޖިއަމްގެ ކުޅުންތެރިން ވަނީ ސްޕެއިން އާއި އެއް ހަމައެއްގާ ފައިތިލަ ސާބިތު ކޮށްފައި ކަމަށާއި އަދި މިއީ އެޓީމުން އެއްވެސް ވަރަކަށް ލަދުގަންނަންޖެހޭވަރުގެ ބައްޏެއް ނޫންކަމަށެވެ. ބެލްޖިއަމްގެ ކޯޗު ބުނިގޮތުގައި މިމެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންއަށް ލިބިގެންދިޔައީ ރަނގަޅު އެއް ފުރުސަތު ކަމަށާއި އަދި އެޓީމުގައި ތިބި ކުޅުންތެރިންގެ މޮޅުކަމުން އެފުރުސަތުގެ ބޭނުން ހިފާ ލީޑު ނެގީކަމަށެވެ. އަދި މިމެޗުގައި އޭނާގެ ޓީމަށްވެސް މާގިނަ ފުރުސަތު ތަކެއް ލިބިގެން ނުދާކަން އޭނާ ފާހަގަކުރިއެވެ. މީގެއިތުރުން ސްޕެއިން ކަހަލަ ޓީމަކާއި ކުޅެ މޮޅުވާން ބެނުންނަމަ ބަދުނަސީބު އެއްވެސް ކަމެއް ދިމާވެގެން ފަރުޖެއްސެން ނޯންނާނެ ކަމަށާއި އަދި މިމެޗުގައި އެޓީމަށް އެފަދަ ތިނެއް ނުވަތަ ހަތަރު ބަދުނަސީބު ކަންތައްތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. މިއީ ވޯލްޑް ކަޕެއްގެ ސެމީފައިނަލަށް ދިއުމަށް ބަލާއިރު މާގިނަ އަދަދެއް ކަމަށްވެސް ގާސިއާ ފާހަގަ ކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކީޕަރ ކޯޓުއަރ ބުނީ ބޮޑެތި މުބާރާތް ތަކުގައި ބެލްޖިއަމް އިން ގިނަ ފަހަރަށް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި މިފަހަރުގެ މުބާރާތުގައިވެސް މިހާތަނަށް ދެއްކުނު ކުޅުމާއި މެދު މުޅި ޓީމުވެސް ފަހުރުވެރިވާކަމަށެވެ. ނަމަވެސް ބެލްޖިއަމް އަކީ އަބަދުވެސް ފާޑުކިޔުން އަމާޒުވާ ޓީމެއް ކަމަށާއި މިގޮތުން ގޯލްޑަން ޖެނެރޭޝަނަށް އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވޭކަމަށް ދެކެވޭ ވާހަކަ އޭނާ ފާހަގަކުރިއެވެ. ކޯޓުއަރ ބުނީ މިއީ ބެލްޖިއަމް ކަމަށާއި މިއީ އިންގަލަންޑް، ސްޕެއިން ނުވަތަ ފަރަންސޭސިވިލާތް ނޫންކަމަށެވެ. އަދި 12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކުޑަ ޤައުމަކަށް ވެ އޮވެ ބޮޑެތި މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެއް ކަން ކޯޓުއަރ ފާހަގަ ކުރިއެވެ. އަދި 2018 ވަނަ އަހަރު އެޓީމުން މިހާތަނަށް އެންމެ މޮޅު ކުޅުމެއް ދެއްކި ފަހަރު ފަރަންސޭސީން އަތުން ބަލިވީ ބައިކޮޅަށް ވަން ކޯނަރެއްގެ ސަބަބުން ކަމަށެވެ. އޭނާ ބުނީ ބަޔަކަށް ފާޑު ކިޔުމަކީ ފަސޭހަ ކަމެއް ކަމަށާއި ނަމަވެސް މިޓީމުން ފަހުރުވެރިވެވޭވަރުގެ މޮޅު ކުޅުންތަކެއް ވޭތުވެދިޔަ ތާނގާ ދައްކާފައިވާކަމަށެވެ. އަދި ފުޓްބޯޅައިގެ ދުނިޔޭގައި މިއަށްވުރެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންވެސް މާބޮޑު ކާމިޔާބީ ނުހޯދި އެބަތިބި ކަން ކޯޓުއަރ ފާހަގަ ކުރިއެވެ. ބެލްޖިއަމްގެ ޔޫތު ސިސްޓަމް އޮތް ގޮތުން ޒުވާން ގިނަ ކުޅުންތެރިންތަކެއް އަންނަނީ އުފެދެމުން ކަމަށާއި ވޯލްޑް ކަޕްގެ ދެން އޮތް ހަރުފަތް ކަމަށްވާ ފައިނަލާއި ހަމައަށް ބެލްޖިއަމް އަދި ދަތުރު ކުރާނެކަމަށް އުންމީދު ކުރާކަމުގައި ކޯޓުއަރ ފާހަގަ ކުރިއެވެ.