ޚަބަރު

މިއަހަރުވެސް ޤައުމީ ދުވަސް އުތީމުގައި، ޤައުމީ ފެންވަރުގައި ފާހަގަކުރަނީ


  • މިކަމަށް ޚާއްޞަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައި

  • މިއަހަރުގެ ޤައުމީ ދުވަހަކީ އޮގަސްޓު 14

މިއަހަރުވެސް ޤައުމީ ފެންވަރުގައި ހއ. އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމަވައި، އެކަމުގެ ތައްޔާރީތައް ފަށައިފިއެވެ.

ޖެހިޖެހިގެން ދެ އަހަރު ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް އުތީމުގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިއަހަރުގެ ޤައުމީ ދުވަސް ދިމާވަނީ، އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހަށެވެ.

މި ހަރަކާތްތަކާ ގުޅޭގޮތުން "ޕީއެސްއެމް ނިއުސް"އަށް މަޢުލޫމާތު ދެއްވަމުން އުތީމު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރު އެންމެ ބޮޑު އިސްކަމެއްދެނީ މިދިޔަ އަހަރު ފަށާފައިވާ ތަރިކައިގެ މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ. މީގެ ތެރޭގައި ބޮޑުތަކުރުފާނުގެ ދޮރޯށީގެ މަސައްކަތާއި، ކަނދުވަލު މިސްކިތް މަރާމާތު ކުރުމުގެ އިތުރުން "ވާހަކަވައު" ސަރަޙައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޢަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ، ޤައުމީ ދުވަހުގެ ކަންކަން ވިލަރެސް ކުރުމަށް މިހާރު ޚާއްޞަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރަށްވުރެ ކުލަގަދަކޮށް، ގިނަ ހަރަކާތްތަކާއެކު މިއަހަރުވެސް ޤައުމީ ދުވަސް ފާހަގަކުރާނެ ކަމަށް ވިދާޅުވިއެވެ.

" މިހާރު ވަނީ ޤައުމީ ޓާސްކުފޯސް އެކުލަވާލާފައި. މިއަހަރުގެ ޤައުމީ ދުވަހަކީ، އޮގަސްޓު 14. އެހެންވީމައި އަޅުގަނޑުމެން މިއޮތް ކުރުމުއްދަތުގެ ތެރޭގައި މިހާރު ތައްޔާރުވަމުން ދަނީ މިއަހަރުގެ ޤައުމީ ދުވަސްހަމަ މިދިޔަ އަހަރަށްވުރެ ކުލަގަދަކޮށް ފުރިހަމައަށް ތަރުތީބު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. ރަށުގެ ރައްޔިތުންނާއި، ޤައުމީ ޓާސްކުފޯސްއާއި މިނިސްޓްރީ އޮފް ހެރިޓޭޖުގެ އެހީތެރިކަމާއެކު ދެ ފަރާތުން ގުޅިގެން ކުރިއަށް ދެވޭތޯ މަސައްކަތް ކުރަނީ" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ޤައުމީ ފެންވަރުގައި ޖެހިޖެހިގެން ދެ އަހަރު ދުވަހު އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ނިންމެވި ނިންމެވުމަކީ، މީގެ ކުރީގެ އެއްވެސް ރައީސަކު ނިންމަވާފައި ނުވާފަދަ ތާރީޚީ ނިންމެވުމެއް ކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. އަދި މި މުނާސަބަތު ކުލަގަދަ ގޮތެއްގައި ފާހަގަކުރާއިރު، މީގެ ސަބަބުން އުތީމުގެ އުމްރާނީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ޤައުމީ ދުވަހަށް ތައްޔާރުވުމުގެ ގޮތުން ހއ.އުތީމު، ބާރަށް އަދި ތަކަންދޫގައި ހުރި ޣާޒީ ރަދުންގެ އާސާރުތައް އާބާތުރަ ފިލުވައި ތަރައްޤީ ކުރުމުގެ ޤައުމީ މަޝްރޫޢުގެ މަސައްކަތްތައް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޤައުމީ ދުވަހަށް މި ތިން ރަށުގެ މަސައްކަތްތައް މުޅިން ނިންމުމަށް، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްބޭފުޅުން އެ ރަށްތަކަށް ޒިޔާރަތް ކުރައްވައި، މަޝްރޫޢުތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.

އެންމެ އިހުން ފެށިގެންވެސް އުތީމުގައި ދަނީ ރަށު ފެންވަރާއި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރަމުންނެވެ. އެންމެ ފުރަތަމަ ޤައުމީ ފެންވަރުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރީ، 1 ރަބީޢުލްއައްވަލް 1371ގައެވެ. އެއީ މީލާދީން 1951ވަނަ އަހަރު، ބޮޑުވަޒީރު އަލް އަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ.

އުތީމުގައި ދެވަނައަށް ޤައުމީ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރީ ރައީސް މައުމޫނުގެ ވެރިކަމުގައި 1980ވަނަ އަހަރުއެވެ. އެއީ، މިހާތަނަށް އުތީމުގައި އެންމެ ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރި ފަހަރެވެ.