ޚަބަރު

ލޯންޗު އެކްސިޑެންޓުގައި އަނިޔާވި 2 މީހަކު ފަރުވާއަށްފަހު ދޫކޮށްލައިފި


  • މިހާދިސާއާއި ގުޅިގެން އައިޖީއެމްއެޗަށް 5 މީހަކު ގެންގޮސްފައިވޭ

ކަނޑުމަތިން ލޯންޗަކާއި އެހެން އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 5 މީހުންގެ ތެރެއިން 2 މީހުން ފަރުވާއަށްފަހު ދޫކޮށްލާފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، އިއްޒުއްދީން ފާލަމަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު ރޭ 21:16 އެހާކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ.

ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައެވެ.

މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް 5 މީހަކު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. އައިޖީއެމްއެޗުން ވިދާޅުވީ މީގެ ތެރެއިން 3 މީހަކު ވޯޑުގައި އެޑްމިޓްކޮށްފައިވާކަމަށެވެ. އަދި 2 މީހަކަށް އިމަރޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށެވެ.

​މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރައްވަމުންނެވެ.