ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި އިންގަލަންޑާއި މެކްސިކޯ ބައްދަލުކުރި މެޗުގައި އިންގަލަންޑްގެ ޑިފެންޑަރ ޖަރެލް ކުއަންސާއަށް ދެއްކި ރަތް ކާޑާއެކު އޭނާ ދެމެޗަށް ސަސްޕެންޑް ކޮށްފިއެވެ.
ކުއަންސާއަށް ރަތް ކާޑު ދައްކާފައިވަނީ މެކްސިކޯ މެޗުގައި އޭނާ ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.
މެޗުގެ ތެރޭގައި ރެފްރީ ފައުލެއްކަމަށް ދައްކާފައި ނުވި ނަމަވެސް ވީއޭއާރުގެ އިރުޝާދުގެ ދަށުން ރެފްރީވަނީ އެހާދިސާގެ ވީޑިއޯ ބެލުމަށްފަހު ކުއަންށައަށް ރަތްކާޑު ދައްކާފައެވެ. އަދި ވޯލްޑް ކަޕްގައި އާންމުކޮށް ސީދާ ރަތް ކާޑެއް ދައްކައިފިނަމަ އެއްމެޗަށް ސަސްޕެންޑް ވާ އުސޫލް އޮތް ނަމަވެސް މިފައުލްގެ ކުޑަ ބޮޑު މިނަން ބެލުމަށްފަހު އޭނާ މިވަނީ ދެމެޗަށް ސަސްޕެންޑް ކޮށްފައެވެ.
ކުއަންސާ ދެމެޗަށް ސަސްޕެންޑް ވުމުން އޭނާއަށް އެންމެ އަވަހަށްވެސް އިންގްލަންޑްގެ ޓީމަށް ކުޅުމުގެ ފުރުސަތު ލިބިގެންދާނީ މިފަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުން އެޓީމަށް ޖާގަ ލިބިގެން ގޮސްފިނަމައެވެ. އެހެން ކަމުން ކުއާޓަރ ފައިނަލާއި އަދި ސެމީ ފައިނަލަށް ދަތުރު ކޮށްފި ނަމަ އެމެޗުގައިވެސް ކުއާންސާއަށް ނުކުޅެވޭނެއެވެ.
ކުއަންސާ ނެތުމުގެ ސަބަބުން އިންގްލަންޑްގެ ކޯޗު ތޯމަސް ޓުކެލްއަށް ނޯވޭ އާއި ދެކޮޅަށް ނިކުންނަ މެޗަށް އެޓީމުގެ ޑިފެންސުގައި މައްސަލަ ތަކަކާއި ކުރިމަތިވެގެންދާނެކަމަށްވަނީ ބެލެވިފައެވެ.