އިޒާންގެ ހެޓްރިކާއެކު ޓީސީ ބަލިކޮށް، ނިއުރޭޑިއަންޓުން ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލްގެ ޖާގަ ހޯދުމަށް ރޭހުގައި ދެމިއޮވެއްޖެއެވެ.
19 އަހަރުން ދަށުގެ ޔޫތް ޗެމްޕިއަންޝިޕްގައި ނިއުރޭޑިއަންޓުން ޓީސީ ބަލިކުރީ 6-2 ނެވެ. މިމޮޅާއެކު 8 ޕޮއިންޓް ހޯދައިގެން ނިއުރޭޑިއަންޓް މިހާރު އޮތީ ލީގު ބުރުގެ ދެވަނައިގައެވެ. އެކަމަކު އެއީ މާޒިޔާއަށްވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. އެއްވަނައިގައި އޮޑި ސްޕޯރޓްސް ކްލަބް އޮތީ 10 ޕޮއިންޓާއެކުއެވެ. ޓީސީ ކޮޅަށް ފުރަތަމަ ހާފްގައި ނިއުއިން ދެ ލަނޑު ޖެހިއެވެ. މެޗު ފަށައިގެން ތިން ވަނަ މިނިޓްގައި ލީޑް ނެގީ އިސްމާއީލް ރާއިފް ވާފިރުއެވެ. ގޯލް އޭރިޔާ ކަނާ ދިމާލުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ މަތީ ދާގަނޑަށެވެ. ނިއުރޭޑިއަންޓްގެ ދެވަނަ ގޯލް މުޙައްމަދު އިޒާން އަލީ ޖެހީ ޑީ އޭރިޔާ ތެރެއިން ފޮނުވާލި ބޯޅަ ގޯލްގެ ކަނަށް ފޮނުވާލައިގެންނެވެ.
ދެވަނަ ހާފްގައި ނިއުރޭޑިއަންޓްގެ ތިންވަނަ ލަނޑާއި ހަތަރު ވަނަ ލަނޑު ޖެހީ ދެވަނަ ހާފްގައި ކުޅެން ނިކުއިން ޒާކީ މުޖުތަބާ ޒާހިރު އެވެ. ޒާކީ ފުރަތަމަ ލަނޑު ޖެހީ ތިރިތިރިން ގޯލްގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އަދި ހަތަރުވަނަ ލަނޑު ޖެހީވެސް އޭރިޔާ ތެރެއިން ބޯޅަ ކޮންޓްރޯލް ކޮށްލުމަށްފަހު ތިރިން ގޯލްގެ ކަނަށް ފޮނުވާލައިގެނނެވެ. ނިއުރޭޑިއަންޓްގެ ފަސްވަނަ ލަނޑު ޖެހީ އިޒާންއެވެ. އޭނާ ހެޓްރިކް ފުރިހަމަ ކުރީ އީތަން ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
ޓީސީގެ ފުރަތަމަ ލަނޑަކީ ނިއުގެ ޑިފެންޑަރ ތާއިއު އަބްދުލް ހަކީމް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން މާއިޝް މުޙައްމަދު ކާމިޔާބުކުރި ލަނޑެކެވެ. ޕެނަލްޓީ ގޯލަށް ވަނީ ކީޕަރު އަތުގައިވެސް ޖެހިފައެވެ. އެފައުލަށް ތާއިއުއަށް ރަތްކާޑް ދެއްކުމުން މެޗުގެ ފަހު ފަސް މިނިޓާއި އުތުރު ވަގުތުގެ ހަ މިނިޓް ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. ޓީސީގެ ދެވަނަ ލަނޑު އޭރިޔާ ބޭރުން ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކުރީ ރާއިން ހާޝިމް އެވެ.
މުބާރާތުގައި ޓީސީއަށް މޮޅެއް ނުހޯދެއެވެ. ފައިނަލްގެ ފުރުޞަތެއްވެސް އެޓީމަކަށް ނެތެވެ. ނިއުރޭޑިއަންޓް ފަހު މެޗުގައި ބުރު ބަލިކޮށްގެން ފައިނަލްގެ ފުރުޞަތު ހޯދޭނެއެވެ.