ޚަބަރު

ކަނޑުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް، 5 މީހަކަށް ފަރުވާދެނީ


  • އެކްސިޑެންޓަށް ފަހު ލޯންޗުގައި ޖެހުނު އުޅަނދު މަޑުނުކޮށް ވަނީ ގޮސްފައި

  • އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 4 ބިދޭސީން

ކަނޑުމަތިން ލޯންޗަކާއި އެހެން އުޅަނދެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 5 މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކަނޑުމަތީގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލެ، ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު މިރޭ 21:16 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

​މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ކަނޑުމަތިން 2 އުޅަނދެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ހިމެނޭ އަނެއް ކަނޑުއުޅަނދު ވަނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި އަނިޔާ ވެގެން ފަރުވާ ދިނުމަށް ޖުމުލަ 5 މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.

​މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.