ތާޖުއްދީން ސްކޫލްގެ ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް ކުރިއަށް ގެންދިޔަ "ފަތަމާ ހިނގާ" ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތް ނިންމުމުގެ ރަސްމިއްޔާތު ތާޖުއްދީން ސްކޫލުގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލި ދަރިވަރުންނަށް އެކަމުގެ މެޑެލް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.
މި ޕްރޮގްރާމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓީއެސްގެ ޕްރިންސިޕަލް މައުސޫމާ ކަމާލް ވިދާޅުވީ މި ހަރަކާތުގެ މަގްސަދަކީ އެ ސްކޫލުގައި ތައުލީމް ހާސިލްކުރާ ކޮންމެ ދަރިވަރަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުންކަމަށެވެ. އެގޮތުން މި ފަހަރު މި ޕްރޮގްރާމު ހިންގީ، ގްރޭޑް 2، 3 4،5 އަދި 6 ގެ ދަރިވަރުންނަށްކަމަށް މައުސޫމާ މައުލޫމާތުދެއްވިއެވެ.
"ބޭނުންވީ ތާޖުއްދީން ނިންމާ ކޮންމެ ކުއްޖަކީ ފަތަން ދަންނަ ކުއްޖަކަށް ހެދުމަށް. އެހެންކަމުން މާފަންނު ނެއިބާރހުޑް ޕޮލިހާއި، ނައުފަލް ކޯޗުގެ އިތުރުން ކުޅިވަރު ވުޒާރާގެ އެހީތެރިކަމާއެކު މި ހަރަކާތް ހިންގީ" މައުސޫމާ މައުލޫމާތުދެއްވިއެވެ.
ޖޫންމަހުގެ 2 ވަނަ ދުވަހު މި ޕްރޮގްރާމު ފަށާފައިވާއިރު، މި ޕްރޮގްރާމުގެ ތެރެއިން 327 ކުއްޖަކުވަނީ ފަތަން ދަސްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 25 މީޓަރު އަދި 50 މީޓަރަށް ފަތަން ތަމްރީނުވި ކުދިންނެވެ.
"ކެޓަގަރައިޒްކޮށްގެން ކުދިން ތަމްރީނުކުރީ. މި ޕްރޮގްރާމުގެ ތެރެއިން 25 މީޓަރު އަދި 50 މީޓަރަށް ފަތާ ކުދިން މިހާރު ވަނީ ޓްރެއިންކުރެވިފަ" މައުސޫމާ ވިދާޅުވިއެވެ.
"ފަތަމާ ހިނގާ" މި ހަރަކާތް އަދިވެސް ތާޖުއްދީންގައި ކުރިއަށްގެންދާނެއެވެ. އެގޮތުން ދެން މި ހަރަކާތް ފަށާނީ ގްރޭޑް 1، 7،8 އަދި 9 ގެ ދަރިވަރުންނަށެވެ.
މި ހަރަކާތަކީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން ކުޅިވަރު ވުޒާރާ ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.