ޚަބަރު

ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި


  • މުބާރާތް އޮންނާނީ އޮގަސްޓު 11އިން 30އަށް

  • މުބާރާތް ކުރިޔަށް ދާނީ ދެ ބަޔަކަށް

ދިވެހިބަހުގެ އެކަޑަމީން އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ، ވާހަކަ ދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް 2026 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ، މި އަހަރުގެ އޮގަސްޓު މަހުގެ 11 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ، ވާހަކަ ދެއްކުމުގެ ބަޔާއި ބަހުސް ކުރުމުގެ ބަޔެވެ.

ވާހަކަ ދެއްކުމުގެ ބައި ބެހިފައިވަނީ، ދެ ގިންތިއަކަށެވެ. އެއީ، ސްކޫލުތަކުގެ ގިންތިއާއި އަމިއްލަ ފަރާތްތަކުގެ ގިންތިއެވެ. ސްކޫލުތަކުގެ ބައިގައި ހިމެނެނީ، ދަށު ސާނަވީ (ކީ ސްޓޭޖް 3)، ސާނަވީ (ކީ ސްޓޭޖް 4) އަދި މަތީ ސާނަވީ (ކީ ސްޓޭޖް 5) އެވެ. އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނެނީ، 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރާއެވެ.

މީގެ އިތުރުން މުބާރާތުގެ ބަހުސް ކުރުމުގެ ބައި ޚާއްސަ ކޮށްފައިވަނީ، 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. މި ބައިގައި އޮފީސްތަކާއި، ކުންފުނިތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ޔުނިވަރސިޓީ، ކޮލެޖު އަދި އެކަޑަމީތަކަށް ޓީމުތަކުގެ ގޮތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ދިވެހިބަހުގެ އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، ސްކޫލުތަކާއި އަމިއްލަ ފަރާތްތަކުން ވާހަކަ ދައްކަންޖެހޭ މައުޟޫޢުތައް އާންމުކުރާނީ އެ އުމުރުފުރާއެއްގެ މުބާރާތް ފެށުމުގެ 5 ދުވަސް ކުރިންނެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އޮގަސްޓު 2 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ބައިވެރިވުމުގެ ފޯމު ހުށަހަޅަން ޖެހެއެވެ. މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު ދިވެހިބަހުގެ އެކަޑަމީގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.