ޚަބަރު

ރޮނާލްޑޯ ވޯލްޑް ކަޕް ދަތުރު ނިންމާލީ ރެކޯޑްތަކަކާއެކު


ޑަލަސްގައި ސްޕެއިން އަތުން ބަލިވެ، ޕޯޗުގަލް މުބާރާތުން ވަކިވާން ޖެހުމާ ގުޅިގެން، މިއީ އޭނާގެ އެންމެ ފަހު ފީފާ ވޯލްޑް ކަޕްކަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަށަވަރުކޮށްދީފިއެވެ.

"އަހަރެންގެ ހާލު ރަނގަޅު، އެކަމަކު މިގޮތަށް ވޯލްޑް ކަޕުން ވަކިވާން ޖެހުމުން ވަރަށް ބޮޑަށް ދެރަވޭ. ނަމަވެސް އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބުނި ފަދައިން، އަހަރެން ދެއްކީ އެންމެ ރަނގަޅު ކުޅުން. އަހަރެން މި ވަކިވަނީ ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހިގެން ހުރެ،" މެޗަށްފަހު ރޮނާލްޑޯ ބުންޏެވެ.

"މިއީ ފުޓްބޯޅަ ކުޅުންތެރިއެއްގެ ހަޔާތަކީ. ބައެއް ފަހަރު މޮޅުވާނެ، އަނެއްބައި ފަހަރު ބަލިވާނެ. އަދި އަބަދުވެސް ކުރިއަށް ދާން ޖެހޭނެ. ހަގީގަތަކީ މިއީ އަހަރެންގެ އެންމެ ފަހު ވޯލްޑް ކަޕް. މިވަގުތު އަހަރެން ބޭނުމީ އާއިލާއާ އެކު ވަގުތު ހޭދަކޮށްލަން. އަދި އަވަސް އަރުވާލައިގެން، ޖަޒުބާތުގައި ޖެހި ގޮތްތަކެއް ނުނިންމަން."

"މާދަމާ އަހަރެން ހޭލާނީ ކުރެވުނު ކަންކަމާ މެދު ފަހުރުވެރިވާ ހާލުގައި. އަހަރެން ޕޯޗުގަލްއަށް ތިން ތަށި (އެއް ޔޫރަޕިއަން ޗެމްޕިއަންޝިޕާއި ދެ ފަހަރު ޔޫއެފާ ނޭޝަންސް ލީގު) ހޯދައިދީފިން. އަހަރެންގެ ކުރިން ޕޯޗުގަލްއިން އެއްވެސް ބޮޑު މުބާރާތެއް ކާމިޔާބުކޮށްފައެއް ނުވޭ. އެހެންކަމުން، އަހަރެން މި ވަކިވަނީ ހިތްހަމަޖެހުމާ އެކު." ރޮނާލްޑޯ ބުންޏެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅުނީ 2006 ވަނަ އަހަރު ޖަރުމަނުގައެވެ. އެ މުބާރާތުގައި އީރާނާ ދެކޮޅަށް ފުރަތަމަ ލަނޑު ޖެހިއިރު، 40 އަހަރަށް ފަހު ޕޯޗުގަލް ސެމީ ފައިނަލަށް ގެންގޮސްދިނުމުގައި ރޮނާލްޑޯ މުހިންމު ދައުރެއް އަދާކުރިއެވެ. އޭގެ ފަހުން 2010، 2014، 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އޭނާ ކުޅެ، ކޮންމެ މުބާރާތެއްގައި މަދުވެގެން އެއް ލަނޑު ޖަހާފައިވެއެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ދެވަނަ މެޗުގައި ރޮނާލްޑޯ ވަނީ ތާރީހީ ކާމިޔާބީއެއް ހޯދާފައެވެ. އެއީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފެވެ. އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު އެ މެޗުގައި، އޭނާގެ ހާއްސަ ހުނަރު ބޭނުންކޮށްގެން ހޯދި ފުރުސަތެއްގައި ވަނީ ހިތްގައިމު ލަނޑެއް ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގައި 27 މެޗު ކުޅެފައެވެ. މިއީ މުބާރާތުގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑެވެ. މީގެ އިތުރުން އޭނާ ވަނީ ޖުމްލަ 11 ލަނޑު ވޯލްޑް ކަޕްގައި ކާމިޔާބުކޮށްފައެވެ.